ޚަބަރު

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

މަރިޔަމް ޝަހުދާ

ދިވެހި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. 33 ދާއިރާއަކަށް ބަހާލައިގެން އެކުލަވާލާފައިވާ މި އެކްޝަން ޕްލޭނަކީ ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން، ރިޔާސީ ކެމްޕެއިންގައި ރައީސް ވެވަޑައިގެންނެވި ވައުދުތަކާއި، އެކި މުއައްސަސާތަކުން ކުރަމުން އައި މަސައްކަތްތަކާއި، އެކި ސެކްޓަރތަކުން ތައްޔާރުކޮށްފައިވާ ޕްލޭންތަކުގެ މައްޗަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭނަކީ އެކި ދާއިރާތަކުގެ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްލޭނާ ގުޅޭގޮތުން މައުލޫމާތުދެމުން ބުނެފައިވަނީ މި ޕްލޭނަކީ ސަރުކާރުން އެއް މަސައްކަތް ކުރިއަށް ގެންދިއުމަށް އަނެއް މަސައްކަތެއް ހުއްޓާލަން ނުޖެހި، ރަނގަޅަށް ދުރާލާ ކަންކަން ރޭވުމަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭނުން ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ގޮތާއި އެކަން ކުރާނެ ގޮތް އެނގިގެންދާނެ ކަމަށް ވެސް މި ރަސްމިއްޔާތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ބަހާލެވިފައިވާ 33 ދާއިރާއިން ކޮންމެ ދާއިރާއެއްގެ ޕްލޭންތަކާއި ސްޓްރެޓިޖީތައް ވަކިވަކިން ކަނޑައަޅާފައިވާ، ކޮންމެ ދާއިރާއަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އެކުލެވޭ ޕްލޭނެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިގޮތަށް ވަކިން ޕްލޭނެއް އެކުލަވާލާފައި ވުމުން ނަތީޖާ ހާސިލް ކުރެވޭ މިންވަރު އަމިއްލައަށް ފަސޭހައިން ބަލައިލެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ މި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ނަތީޖާ ނެރެވޭ މިންވަރު ބެލުމަށް ސަރުކާރުން ކޮންމެ އަހަރަކު އަހަރީ ރިޕޯޓެއް ނެރުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި މި އަހަރީ ރިޕޯޓުން ރައްޔިތުންނަށް ސަރުކާރު ހިނގާ މިންވަރު މިންކޮށް ވަޒަން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންގެ އިތުރުން މަޖިލިސް މެމްބަރުންނާއި ސަރުކާރު ކޯލިޝަންގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.