ރަށުތެރޭގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރ. އުނގޫފާރު ކައުންސިލުން މިއަދުކުރި އިއުލާން ބާތިލްކޮށްފިއެވެ.
އުނގޫފާރު ކައުންސިލުން މިއަދުކުރި އިއުލާނުގައިވަނީ، އެރަށުގައި ބުޅަލުމުގެ ސަބަބުން ރައްޔިތުންނަށް އުދަނގޫވާތީ، ބުޅާ މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބުޅާ ހިފާ ކައުންސިލާ ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުއް ނާސިރު އަލީ ވިދާޅުވީ، ކައުންސިލާ ބުޅާ ހަވާލުކުރަން ޖެހެނީ މަރާލާފައި ކަމަށެވެ.
އުނގޫފާރު ކައުންސިލުގެ މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، އެ ނިންމުމަކީ ގާނޫނުން މަނާކޮށްފައިވާ ނިންމުމެއް ކަމަށް ބުނެ ވަނީ އަޑު އުފުލައިފައެވެ.
އެ މައްސަލައާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވެސް ވަނީ، އުނގޫފާރު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ކަމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި އަދި އެއީ ބުޅަލަށް އަނިޔާކޮށް، ބުޅަލުގެ ނަސްލު ނެތިދާނެ އަމަލެއް ކަމުން، އެކަން ނުކުރުމަށް އެ ކައުންސިލަށް ސިޓީއަކުން އަންގައިފައެވެ.
އެގޮތުން އުނގޫފާރު ކައުންސިލުން ރޭގެ ވަގުތެއްގައި ވަނީ އަގު ދީގެން ބުޅާ މަރަން އެ ކައުންސިލުންކުރި އިއުލާން ބާތިލްކޮށްފައެވެ. އެ އިއުލާން ބާތިލްކޮށް ކައުންސިލްގެ ތިން މެމްބަރުން ސޮއިކޮށް ނެރުނު ގަރާރުގައި ބުނެފައިވަނީ، އެ ނިންމުން ބާތިލް ކުރަން ނިންމީ ރައީސް އޮފީހާއި ވަޒީރުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަންބޮޑުވުން ފާޅުކޮށްފައިވުމުން ކަމަށެވެ.