ޝަހީދާ އަބްދުﷲ ސައީދު
ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ޓުވީޓު ކުރައްވާފައިވަނީ އެއްވެސް ހެއްކެތް ނެތި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ޓެރަރިޒަމާ ގުޅުވައިގެން ޓުވީޓު ކުރެއްވުމުން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރެއްވި ކަމަށެވެ. އަދި އެގޮތަށް ޓުވީޓު ކުރައްވާފައިވަނީ ޓެރަރިޒަމާ ގުޅުންހުރި ކަމުގެ އެއްވެސް ސާފު ހެއްކެތް ލިބިގެން ނޫން ކަމަށް މުއިއްޒު ވިދާޅުވިކަމަށެވެ.
''އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ވިދާޅުވެ މުއިއްޒު ޓުވީޓު ކުރެއްވުމުން އަޅުގަނޑުމެންވާނީ އެބޭފުޅާ ފުލުސް އޮފީހަށް ހާޒިރުކޮށް އެކަމާބެހޭ ގޮތުން ސުވާލުކޮށްފައި. އެއީ އެބޭފުޅާ ހީކުރެއްވި ގޮތެއް. އެކަމާ ގުޅުން ހުރި ސާފު އެއްވެސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށްފައެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ވާނީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތައް އެފަދަ ވާހަކަތައް ނުދެއްކެވުމަށް ނަސޭހަތްތެރިވެފައި,'' މިނިސްޓަރު ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި އޭނާވަނީ، އެ ހާދިސާއަކީ ރޭވި، އިންތިޒާމުވެގެން ދީފައިވާ ޓެރަރިސްޓު ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. އެ ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހިއްސާކޮށް، މުއިއްޒު އެ ދެއްކެވި ވާހަކަ ތަހުގީގު ކުރުމަށް ގޮވާލިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހާދިސާގެ ތަހުގީގު ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެތް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.