މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލްކޮށް، އާ ބައުޒަރު ރަޖިސްޓްރީ ނުކޮށްދޭން ޕްލޭނިންގް މިނިސްޓްރީން ނިންމައިފިއެވެ.
މާލޭ ދެކުނު ހާބަރު ޓީޖެޓީ ސަރަހައްދުގައި ތެޔޮ އެޅުމުގެ އިތުރުން އެސަރަހައްދުގެ ސަލާމަތާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓީޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރު ޕާކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަނީ ގަވައިދާ ހިލާފަށް ކަމަށެވެ.
އަދި މިދިޔަ ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރެގިއުލޭޓް ކުރުމެއް ނެތި ގަވައިދާ ހިލާފަށް އެ ސަރަހައްދުގައި ތެޔޮ ބައުޒަރު ޕާކުކޮށް، ތެޔޮ ޓޭންކު ގޮތުގައި ބޭނުން ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރުމަށްފަހު މާލޭގައި މިހާރު ބޭނުން ކުރާ ބައުޒަރުތަކަަކީ އެމްއެންޑީއެފްގެ ގައިޑްލައިނާ އެއްގޮތަށް ހުރި ބައުޒަރުތޯ ބަލައި، އެމްއެންޑީއެފްގެ ގައިޑްލައިންގެ މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލްކޮށް، ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ބައުޒަރުތަކުގެ އިތުރަށް އަލަށް ބައުޒަރު ރަޖިސްޓްރީ ނުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން މިހާރު ތެޔޮ ބައުޒަރުތައް މާލެތެރޭ ދުއްވަމުންދަނީ ރައްކާތެރިކޮށް ނޫންކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ދާއިމީ ގޮތެއްގައި އެ ހިދުމަތް ތިލަފުށި ނުވަލަ ގުޅީފަޅުން ސަރަހައްދެއްގައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަގުތީ ގޮތުން މާލޭ ދެކުނުން ހިއްކާފައިވާ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
އަދި ވަގުތީ ގޮތުން ތެޔޮ ބައުޒަރުތައް ޕާކު ކުރުމަށް މިނިސްޓްރީން ވަކި ސަރަހައްދެއް ކަނޑައަޅާ އެސަރަހައްދުގައި އަމަލު ކުރަންވީ ގޮތް ވެސް ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް ޕާކު ނުކުރުމަށާއި އެއްވެސް ހާލަތެއްގައި ބަނދަރު ތޮށި ކައިރީ ތެޔޮ ބައުޒަރު ޕާކު ކޮށްފައި ނުބޭއްވުމަށް މިނިސްޓްރީން އެދެއެވެ.
ނަމަވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން އުޅަނދު ފަހަރަށް ތެޔޮ އެޅުމަށް ބަނދަރު ތޮއްޓާއި ކައިރި ކުރެވޭނެ ކަމަށާއި ތެޔޮ އެޅުމަށްފަހު ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ތެޔޮ ބައުޒަރު ގެންދަން ޖެހޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ތެޔޮ ބައުޒަރުތައް ބަހައްޓާ ސަރަހައްދުގައި އަލިފާން ނިއްވާ ނިޒާމެއް ގާއިމް ކުރަން ޖެހޭނެ ކަމަށާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ފުލުހުން އެސަރަހައްދުގެ ހިދުމަތް ދިނުމުގެ ކަންކަން ކުރިއަށްދާގޮތް ރެގިއުލޭޓްކޮށް މޮނިޓާ ކުރާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. އަދި އޭގެތެރެއިން ފަސް ތެޔޮ ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އެނދިއިރު، ހާދިސާގައި ހަތް މީހަކު ފިހިގެން ދަނީ ފަރުވާ ދެމުންނެވެ.