ޚަބަރު

ގއ. އަތޮޅު ކައުންސިލުން އަވަސް ފެރީގެ ހިދުމަތް ދޭން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ގއ. އަތޮޅު ރައްޔިތުންނަށް، އަތޮޅު ތެރޭގައި ދަތުރުފަތުރު ކުރުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ''އަވަސް ފެރީ''ގެ ހިދުމަތް ދޭން ފަށައިފިއެވެ.

އިއްޔެ ފެށި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ކުރިން އަތޮޅު ކައުންސިލުގެ މެންބަރުކަން ދެ ދައުރު ކުރައްވާފައިވާ އަދި މިހާރު ކޫއްޑޫ ފިޝަރީޒު މޯލްޑިވްސްގެ ރީޖަނަލް މެނޭޖަރު އިބްރާހީމް ސޯބިރެވެ.

ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުވާދު ''ވަން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އަތޮޅު ކައުންސިލުން އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ހިދުމަތް ދިނުމަށް ނިންމީ ކައުންސިލަށް އިންތިހާބުވުމާއެކު އަތޮޅު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބެލުމަށް ހުރިހާ ރަށަކަށް ކައުންސިލުން ކުރި ދަތުރުގައި، ވިލިނގިލީގައި ހުރި ގއ. އަތޮޅު އޮފީހަށާއި ކޫއްޑޫ އެއާޕޯޓަށް ދަތުރުކުރުމަށް ބޮޑެތި ދަތިތަކެއް ހުރިކަން ހުރިހާ ރަށަކުންވެސް ފާހަގަކުރި ކަމަށެވެ.

އެހެންކަމުން އަތޮޅު ފެރީގެ ހިދުމަތް ދިނުމުގައި އެންމެ ފުރަތަމަ އެމްޓީސީސީއާ މަޝްވަރާކުރުމުން ކުންފުންޏަށް ފައިދާ ނުވާތީ ކަމަށް ބުނެ، ފެރީގެ ހިދުމަތް ދިނުމުގައި މާ ބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަތޮޅު ކައުންސިލުގައި ހުރި ވަސީލަތްތަކާއެކު ދެ ލޯންޗު ބޭނުންކޮށްގެން ހިދުމަތް ފެށި ކަމަށް ފުވާދު ވިދާޅުވިއެވެ.

އަދި ހިދުމަތް ފެށުމުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ، އެ ހިދުމަތް ފުޅާކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެހެންވެ ތަރުހީބު ލިބޭ މިންވަރަށް ބެލުމަށްފަހު ފެރީ ދަތުރުތައް އިތުރު ކުރަން ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ފުވާދު ވިދާޅުވި ގޮތުގައި ގއ. އަތޮޅު ''އަވަސް ފެރީ''ގެ ދަތުރުތައް ފަށަނީ ހެނދުނު 9:00 އިން ވެރިރަށް ވިލިނގިލިންނެވެ. ވިލިނގިލިން އެއާޕޯޓަށް ގޮސް، އެއާޕޯޓުގައި ތިބި އަތޮޅުގެ ރައްޔިތުން ނަގައިގެން އަތޮޅުގެ ހުރިހާ ރަށަކަށް ފެރީ ދަތުރުކުރާނެއެވެ.

ފެރީ ދަތުރުގެ ފަހު މަންޒިލަކީ ވިލިނގިއްޔެވެ. އަދި އެ ރަށްރަށުން ވިލިނގިއްޔަށާއި އެއާޕޯޓަށް ދާން ބޭނުންވާ މީހުން ފެރީގައި ވިލިނގިއްޔަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

އަވަސް ފެރީގެ އެއްކޮޅު ދަތުރަކަށް 100 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަގެއް ނަގާ އިރު، ދެކޮޅު ދަތުރަކަށް ނަގަނީ 200 ރުފިޔާއާއި 500 ރުފިޔާ އާއި ދެމެދުގެ އަގެކެވެ.

ފުވާދު ވިދާޅުވީ ފެރީ ދަތުރުތައް ކުރަނީ ބުރާސްފަތި، ހޮނިހިރު އަދި އަންގާރަ ދުވަހު ކަމަށެވެ. އޭގެ އިތުރުން ފެރީ ދަތުރުތައް އިތުރު ކުރާއިރު ހަފްތާއަކު ފަސް ދުވަހު ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.