އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ޓްރީޓޮޕް ހޮސްޕިޓަލުން ލޯންޗުކޮށްފިއެވެ.
''ބްރެސްޓް ކެންސާ އެވެއާނަސް މަންތު'' ފާހަގަކުރުމުގެ ގޮތުން ޓްރީޓޮޕް އިން މި ޕްރޮގްރާމު ލޯންޗުކޮށްފައިވަނީ އިއްޔެއެވެ. މި ޕްރޮގްރަމަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޖެނެރަލް ސާޖަން، ޑރ.ނީޒާ ހަލީމާއި ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ.ނަޒްހަތު އައްބާސް އިސްވެ ހުންނަވައިގެން މިމަހު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމެކެވެ.
އުރަމަތީގެ ކެންސަރަށް ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުން ވަނީ އިއްޔެ އިން ފެށިގެން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ޕްރޮގްރާމަށް ރަޖިސްޓަރީވާ ފަރާތްތަކަށް އުރަމަތީގެ އަލްޓްރާ ސައުންޑް ސްކޭނެއް ހެދުމުގެ އިންތިޒާމު ހޮސްޕިޓަލުން ވަނީ ހަމަޖައްސައިފައެވެ. އަދި އަލްޓްރާ ސައުންޑް ސްކޭން ހަދާ ފަރާތްތަކުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމުގެ އިންތިޒާމު ވެސް ހޮސްޕިޓަލުން ހަމަޖައްސާފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ އަގަކީ 835 ރުފިޔާއެވެ. ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގެ ކުރިން އިތުރު މެމޯގްރާމެއް ހަދަން ޖެހިދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މިފަދަ ހާލަތެއްގައި އިތުރު މެމޯގްރާމަށް އިތުރު 165 ރުފިޔާ އަރާނެއެވެ.
އުރަމަތީގެ ކެންސަރަށް އެންމެންވެސް ސްކްރީން ކުރުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް އަންހެނުންނަށް ގިނައިން ޖެހޭ މި ބާވަތުގެ ކެންސަރަށް 40 އަހަރުން މަތީގެ ބޭފުޅުން ކޮންމެ އަހަރަކު ސްކްރީން ކުރުން މުހިއްމު ކަމަށް ޑޮންޓަރުން ލަފާދެއެވެ. އަދި 20 އަހަރުން މަތީގެ ބޭފުޅުންވެސް ގަވައިދުން ޑޮކްޓަރަށް ދައްކާ ކެންސަރަށް ސްކްރީން ކުރުން މުހިއްމެވެ.