ޝެއިޚް އަލީ ޒައިދު

ކުށްވެރިއަކީ ހަމައެކަނި މަހުޖަނެއް ނޫން، ފައިސާގައި ހިފާ ފަނޑިޔާރު ވެސް ކުށްވެރިވާނެ: ޝެއިޚް އަލީ ޒައިދު

ކުށްވެރިއަކީ ހަމައެކަނި ފައިސާ ބަހާ މަހުޖަނު ނޫން ކަމަށާއި އެ ފައިސާގަ ހިފާ ފަނޑިޔާރުވެސް ކުށްވެރިވާނެ ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިހެން ވިދާޅުވީ ރިޝްވަތުގެ ކަންތައްތަކުގައި އިސްލާހުކުރަން ޖެހޭ ފަރާތްތަކަކީ ވިޔަފާރިވެރިން ކަން ގިނަ ބަޔަކަށް ނޭނގޭ ކަމަށާއި ރާއްޖެ ހަލާކުވަނީ އެފަރާތްތަކުގެ ފައިސާއިން ކަމަށް ވިދާޅުވެ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.

ހއ. ދިއްދޫގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިއަދު ފެންނަ ކުށްވެރިޔާ އަކީ ރާއްޖޭގެ ފަނޑިޔާރުންނާއި ސަރުކާރުގެ ފަރާތްތަކެއް ނޫން ކަމަށާއި ކުށްވެރިޔާއަކީ މަހުޖަނުން ކަމަށެވެ.

އެ ވާހަކަފުޅާ ގުޅޭގޮތުން ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސާގައި ހިފާ ފަނޑިޔާރުގެ އިތުރުން އެ ޑީލް ހިފައިގެން ހިނގާ މީހާ އާއި އެ ޑީލަށް ހެކިވާ މީހާވެސް ކުށްވެރިވާނެ ކަމަށެވެ.

ކީރިތި ރަސޫލާގެ ހަދީސްގައިވާ ގޮތުން ރިޝްވަތުގެ ޑީލްގެ އެންމެހައި ފަރާތްތަކަށް މާތްﷲ ވަނީ ލައުނަތް ލައްވާފައި ކަމަށް ވެސް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަހުގަ އިންސާފުވެރިވާންޖެހޭ،" ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޝައިޚް ޒައިދު ވިދާޅުވިއެވެ.