ޝަހީދާ އަބްދުﷲ ސައީދު
އިމިގްރޭޝަން ބަންދަށް ގެންދިއުމާ ގުޅިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ، ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެއީ ޓެރަރިޒަމާ ގުޅުންހުރި މީހެއް ކަމުން ރާއްޖެއިން ފުރައިގެން ދިއުމަށް އޭނާއަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާނު ވިދާޅުވީ މާޗް 3، 2017 ގައި ހައްޔަރުކުރި ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާ ގުޅުންހުރި މީހެއްކަން ދުނިޔޭގެ މީޑިއާތަކުގައި ސާފުކޮށް ފެންނަން ހުރި މީހެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން އިމިގްރޭޝަން ކޮންޓްރޯލާއާ ހިއްސާކުރުމުން އޭނާ ހިފެހެއްޓީ ކޮންޓްރޯލާއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް ވިދާޅުވިއެވެ.
''ފުރައިގެން ދާން އެންގުމުން އަމުރަށް ކިޔަމްނަ ނުވެ، އަމިއްލައަށް ޕާސްޕޯޓް ފޮރުވައި ނުވަތަ ފުރައިގެން ދެވޭނެ އެއްވެސް މަގެއް ތަނަވަސްނުކޮށް، އެ ދުވަހުން ފެށިގެން އޭނާ ފުރައިގެން ނުގޮސް އެހުންނަނީ އޭނާގެ އަމިއްލަ އިހުތިޔާރުގައި. އިމިގްރޭޝަނުގެ ގާނޫނާ އެއްގޮތަށް އޭނާ ފުރަން މިއަދު އެއްބަސްވިޔަސް ފުރުމުގެ ހުރިހާ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދޭނަން. މީގެ ދެ މަހެއްހާ ދުވަސްކުރިން ޔާސިރު ވަނީ ފުރައިގެންދާން އެއްބަސްވެފައި. ފުރުވާލުމުގެ ހުރިހާ ކަމެއް ނިންމީމަ ދެކޮޅު ހެދީ. އޭރު ޕާސްޕޯޓް ވެސް އޮތްކަމަށްވަނީ" މިނިސްޓާރު އިމްރާނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޔާސިރަކީ ދުނިޔެއިން ބޮޑު ޓެރަރިސްޓެއް ކަމަށް ބަލައި މީހެއް ނަމަވެސް، މިސަރުކާރު ވެރިކަމަށް އައިފަހުން ޔާސިރުގެ އިންސާނީ ހައްގަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ ބަހައްޓާފައި ހުންނަނީ ބެހެއްޓޭނެ އެންމެ ލުއި ގޮތެއްގައި، ބޭސްފަރުވާ އާއި އެހެނިހެން ކަންކަން ވެސް ފުރިހަމަކޮށްދީފައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ޔަމަން އޮތީ ހަނގުރާމައިގެ ހާލަތުގައިކަމަށް ވުމުން އޭނާއާ ގުޅޭ ލިޔުމެއް އެގައުމުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަ މަވެސް ޔާސިރު ރާއްޖެއިން ފުރައިގެންދިއުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި މިހާރުވެސް ފުރައިގެން ދާން ބޭނުންނަމަ އެ ފުރުސަތު އޭނާއަށް އޮވެ، އެކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.