ޚަބަރު

އަލިފާނުގެ ހާދިސާތައް މަދު ކުރުމަށް ސަލާމަތީ މިންގަނޑެއް ގެންގުޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފަތޯނާ ފާއިޒު

މާލެ ސަރަހައްދުގައި ކުރިމަތިވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު، މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ކެމިކަލާއި ތެޔޮ ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި މާލެ ސަރަހައްދުގައި ރައްކާކުރުމާއި ގެންގުޅުމުގެ އިތުރުން އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށާއި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ އެންމެހާ ކަންކަމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަރާތުން އެކަށައަޅާފައިވާ މިންގަނޑަށް އެންމެހާ ފަރާތްތަކުން ތަބާވުމަށް ވެސް ނައިބް ރައީސް އިރުޝާދު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މާލޭ ސަރަޙައްދުގައި ތެޔޮ ބައުޒަރުތައް ދުއްވުން ވީހާވެސް މަދުކުރުމަށާއި ކަނޑައަޅާ ސަރަޙައްދުތަކެއް ތެޔޮ އެޅުމަށް ހާއްސަކުރުމާއި އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ތެލާއި ކެމިކަލް ފަދަ ތަކެތި ގެންގުޅުމާއި ރައްކާކުރުން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

މާލޭ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ގިރާކުރުމަށް އަމާޒުކޮށް ސަރުކާރުގެ އެކި ވުޒާރާތަކުގެ އިތުރުން ހަކަތައިގެ ދާއިރާއާ ގުޅުންހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންވަނީ ތެލުގެ ހިދުމަތްދިނުމުގައި މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، ސްޓެލްކޯ، އެސްޓީއޯ، އެފްއެސްއެމް، ފުލުހުންގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.