ޚަބަރު

ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި ފަލަސްތީނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ، ފަލަސްތީންގެ ރައީސްގެ ޑރ. މަހުމޫދު އައްބާސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ޑރ. މަހުމޫދު އަލް ހައްބާޝްއާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގައި މިއަދު ބޭއްވިި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަ ގުޅުން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދާއި ހާއްސަ މަންދޫބު ޝުކުރު އަދާކުރެއްވި ކަމަށެވެ.

ޑރ. މަހުމޫދު އަލް ހައްބާޝް، ހިދުމަތްކުރައްވަމުން ގެންދަވަނީ ޕްރެޒިޑެންޓްސް އެޑްވައިޒަރު ފޮ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، އަދި ސުޕްރީމް ޖަޖް އޮފް ޝަރިއާ ކޯޓްސް އޮފް ދަ ސްޓޭޓް އޮފް ފަލަސްތީންގެ ގޮތުގައެވެ.

މިބައްދަލުކުރެއްވުމުގައި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާން އާއި ޑިރެކްޓަރު އަބްދުލްވާރިސް ސައީދު ‏ބައިވެރިވެ ވަޑައިގެންނެވިއެވެ.