އިބްރާހިމް ޒަކީ
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވަން، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާގެ ޖަލްސާއަށް މި ދެކަންތައް އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައެވެ.
މީގެ އިތުރުން ހުސްވި އޯގަސްޓްމަހު ޖިއްދާ ގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދަވައި، އެތަނަކީ ސައޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
އިބުތިދާއީ ބަހުސް ކުރިއަށް ގެންދަން ދެ ބިލެއް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހަޅުއްވާފައިވާ އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މަޖިލީހުގައި ނުނިމި ކުރި މަސައްކަތްތަކުގެ ތެރެއިން މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދަން އެގެންޑާ ކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިލެކްޝަން ކޮމިޝަންގެ ޤާނޫނުނަށް އިސްލާހު ގެނައުމުގެ ބިލާއި އޮޑިޓް ގާނޫނަށް އިސލާހު ގެނައުނުގެ ބިލުގެ ބަހުސެވެ.
ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި މާދަމާގެ ޖަލްސާގައި ހިމެނެނީ، އދ. މަހިބަދޫގެ ގިނަ ރައްޔިތުންތަކެއް ތަހައްމަލު ކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވާފައިވާ ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމެވެ.