ޚަބަރު

ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ހާއްސަ މަންދޫބު، ޕްރެޒިޑެންޓް އެޑްވައިޒަރު ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސްޕްރީމް ޖަޖް އޮފް ޝަރީއާ ކޯޓްސް، ޑރ. މަހުމޫދު އަލް ހައްބާޝް ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމް ޒިޔާރަތެއްގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަގީންކަން ފަލަސްތީނުގެ މަންދޫބަށް ދެއްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ހައްލުކޮށް މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާ ގޮތަށް ސަރަހައްދީ އިން ވަކިކޮށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްތީނުގެ ދައުލަތެއްވެސް ގާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

އެބައްދަލުވުމުގައި ޑރ. މަހުމޫދު އަލް ހައްބާޝް ވަނީ ފަލަސްތީނުގެ ރައީސްގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިވެހިރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް ފަލަސްތީނު ރައީސާއި ބޮޑުވަޒީރާއި ފަލަސްތީނުގެ ރައްޔިތުންނަށް ރައްދުކޮށްދެއްވުމަށް ހާއްސަ މަންދޫބުގެ ކިބައިން އެދި ވަޑައިގެންފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޑރ. މަހުމޫދު އަލް ހައްބާޝް ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަގުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމުގެ ވިސްނުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގެ މަންދޫބުގެ ވާހަކަފުޅުގައި ފަލަސްތީނު ދައުލަތެއް ގާއިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ މަންދޫބު ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގެދޮރުބިނާކުރުމަށް އިސްރާއީލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައޫލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި މި ކަންތައްތަކަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އޮތް ހުރަހެއްކަން މަންދޫބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ރައީސްގެ ހާއްސަ މަންދޫބު ވަނީ ފަލަސްތީނުގެ ރައީސްގެހާއްސަ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ގުދުސަށް ޒިޔާރަތެއް ކުރެއްވުމަށްވެސް ހާއްސަ މަންދޫބު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު ދެއްވާފައެވެ.