އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ބާވަތަކީ އުރަމަތީގެ ކެންސަރެވެ. ރާއްޖޭގައިވެސް އެކަން އޮތީ އެހެނެވެ.
އެމެރިކާގައިވެސްމެއެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަސް ފާހަގަ ކުރަނީ "ބްރެސްޓް ކެންސަރ އެވެއާނެސް މަންތު" ނުވަތަ އުރަމަތީގެ ކެންސަރަށް ހޭލުންްތެރި ކުރުވުމުގެ މަހުގެ ގޮތުގައެވެ. މި ލިޔުމުގައި މިބަލައިލަނީ، ޑޮކްޓަރުންގެ ލަފަޔާއެކީގައި ލިޔެފައިވާ ބައެއް ސިއްހީ ލިޔުންތަކުގެ އަލީގައި، އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ބަރުދަން އެއްވަރެއްގައިި ހިފެހެއްޓުން:
ދަރިމައިވާ އުމުރު ފަހަނައަޅައި ދިއުމުން ބަރުދަން އިތުރުވުމަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. އެއީ އުރަމަތީގެ ކެންސަރަށް މަގުފަހިކުރުވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ގަވައިދުން ކަސްރަތު ކުރުމަށް އިސްކަން ދޭށެވެ. އެމެރިކާގެ ކެންސަރ ސޮސައިޓީން ބުނާ ގޮތުގައި ބޮޑު މީހަކު ދުވާލަކު 150 މިނެޓު ލުއި ކަސްރަތު ކުރަންޖެހެއެވެ. އަދި 75 މިނެޓުގައި އެއަށްވުރެ ވަރުގަދަ ކަސްރަތުތަކެއް ކުރަން ޖެހޭ ކަމަށެވެ. މިހެން ދެންވިޔަސް، ގަވައިދުން ކަސްރަތު ކުރާ މީހަކަށްވެސް ކެންސަރު ޖެހިދާނެއެވެ. ކެންސަރަކީ އާއިލީ ގޮތުން ވާރުތަވެސް ކުރާ ބައްޔެކެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރުން:
ތިބާ އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ނަމަ، އަވަހަށް އެކަން ހުއްޓާލާށެވެ، ހުރިހާ ޑޮކްޓަރުންވެސް އިއްތިފާގުވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ތިބާއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެއް ނަމަ، އެހެން މީހުން ބޯ ސިނގެރޭޓްގެ ދުމުންވެސް ރައްކާތެރިވެ ހުންނާށެވެ.
ހޯމޯން ތެރަޕީ ބޭނުން ކުރުން:
އެކި މައްސަލަތައް ދިމާވެގެން ކަމަށްވިޔަސް، ހޯމޯން ތެރަޕީ ބޭނުން ކުރުމަކީ އުރަމަތީގެ ކެންސަރަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ. އެގޮތުން އެ ތެރަޕީ ބޭނުންކުރާތާ ފަސް އަހަަރުވެފައިވާ މީހެއް ނަމަ، ކެންސަރު ޖެހުުމުގެ ރިސްކު އެމީހަކަށް މާ ބޮޑު ކަމަށްވެސް ސިއްހީ ދިރާސާތަކުން އެނގެއެވެ. ކޮންމެހެން ހޯމޯން ތެރަޕީ ނަގަން ޖެހިއްޖެނަމަވެސް، އެންމެ ކުޑަ ޑޯސްއެއް ނެގުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
ގާތުން ކިރުދިނުން:
މިއީ ގުދުރަތީ ނިޒާމުގައި އޮތް ކަމެއް ކަމުގައި ވިޔަސް، ފަހަކަށް އައިސް ގާތުން ކިރުދޭ މައިން ވަނީ ވަަރަށް މަދުވެފައެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ގާތުން ކިރުދިނުމަކީ އުރަމަތީގެ ކެންސަރުގެ ރިސްކު ވަރަށް ބޮޑަށް ކުޑަ ކޮށްދޭ ކަމެކެވެ.
އުރަމަތީގެ ކެންސަރަށް ޓެސްޓު ކުރުން:
މިއީ ވަރަށްވެސް މުހިންމު ކަމެކެވެ. ވަކީން ހާއްސަކޮށް އުރަމަތީގެ ކެންސަރުގެ ރިސްކު އެންމެ ބޮޑުވާ އުމުރުން ފެށިގެން ގަވައިދުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ސަމާލުކަން ދިނުމަކީ ވަަރަށް މުހިންމު ކަމެއް ކަަަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.