އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ބިޕިން ރާވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުއާއި އިންޑިއާފެ ޗީފް އޮފް އާމީ ސްޓާފް ބިޕިން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޒައާމަތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަ ކުރައްވައި، އެމަނިކުފާނު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، ކުރިއަށް އޮތްތަނުގައިވެސް އެގުޅުން ބަދަހިކަންމަތީގައި އޮންނާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ޓެރަރިޒަމްއާއި ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ދެގައުމުން ދޭ އަހައްމިއްޔަތުކަން ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިންޑިއާއިން ރާއްޖެއަށް ދިފާއީ އަދި ސަލާމަތީ ގޮތުން ދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވައިފައެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަަނަ ދުވަހުއެެވެ. އެމަނިކުފާނު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާވެސް ބައްދަލުކުރައްވައިފައެވެ.