އިބްރާހިމް ޒަކީ
ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރި މަސައްކަތް ފާހަގަކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޝުކުރު އަދާ ކުރައްވައިފިއެވެ.
އެހާދިސާތަކުގައި ސިފައިން ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި ސިފައިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ވަގުތު ރޭގަނޑެއް ދުވާލެއްނެތި ސިފައިން މަސައްކަތްކުރައްވާތަން ވަރަށް ގާތުން ފެނިވަޑައިހަންނަވާ ކަމަށެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާ އާއި، ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ކުރި މަސައްކަތް ފާހަގަކުރައްވައި ޑިފެންސް ކިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ހުސްވި މަހު މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއަށް އަލިއަޅުއްވާލައްވައި އެ ހާދިސާގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރު އައްސަރިބަހާއި ސާބަސް ރައްދު ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.