ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު ބެލްޖިއަމްގެ ކްލަބު ބުރޫޖް އަތުން ސްޕެއިންގެ ރެއާލް މެޑްރިޑް ސަލާމަތްވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ރެއާލާއި ބުރޫޖް ކުޅުނު "ގްރޫޕު އޭ"ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ރެއާލްގެ ދަނޑު، ސެންތިއާގޯ ބަރްނަބެއޫގައެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި ބުރޫޖުން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ޕާސީ ޓައު ދިން ބޯޅައަކުން ބުރޫޖަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެމަނުއެލް ޑެނިސްއެވެ. ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެނިސްއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
ރެއާލުން ފުރުސަތުތަކެއް ތަނަވަސްކުރަމުން ދަނިކޮށް، މެޗުގެ 39 ވަނަ މިނެޓުގައި ބުރޫޖުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ބުރޫޖަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑެނިސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ހިފައިގެން ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ބުރޫޖް ކުރީގައި އޮވެގެންނެވެ.
ގިނަ މަސައްކަތްތަކަކަށްފަހު ރެއާލުން ވަނީ މެޗުގެ 55 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ކަރިމް ބެންޒެމާ ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބުރޫޖްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގައި ބުރޫޖަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ 84 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ރޫޑް ވޯމާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް އެ ކާޑު ދެއްކީ ރެއާލްގެ ވިނީޝިއަސް ޖޫނިއާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ބުރޫޖްގެ ކެޕްޓަން ވޯމާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، ދިން ހިލޭ ޖެހުމުގެ ފައިދާ ރެއާލުން ވަނީ ނަގައިފައެވެ. ހިލޭ ޖެހުމުން ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ.
ރެއާލް އޮތީ ކުޅުނު ދެ މެޗުން ލިބުނު ޕޮއިންޓަކާއެކު "ގްރޫޕު އޭ"ގެ ފުލުގައެވެ. ތިންވަނައިގައި އޮތް ގަލަތަސަރާއީއަށް ވެސް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، އެޓީމު ރެއާލަށް ވުރެ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ދެވަނައިގައި އޮތް ބުރޫޖަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.