މުހައްމަދު ސިމާއު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ސިޔާސީ މަސައްކަތް ފެށުނީއްސުރެ ފެންނަ ރޯލް މޮޑެލްއެއް ކަމަށް ޖޭޕީއާ މިރޭ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒްގައި މިރޭ ބޭއްވި ހަފްލާގައި ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ގާސިމްގެ އަރިހުގައި ސީދާ ގޮތެއްގައި، ސިޔާސީ މަސައްކަތް ކުރުމަކީ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށިގެން އައިރުން ފެށިގެން ވެސް ފެންނަ ރޯލް މޮޑެލްއެއް ހުރޭ. އެ ރޯލް މޮޑެލްއަކީ އޮނަރަބަލް ގާސިމް އިބްރާހިމް. ގާސިމް އިބްރާހިމްގެ އަރިހުގައި ސީދާ ގޮތެއްގައި ސިޔާސީ ހަރަކާތް ހިންގާ ސިޔާސީ މަސައްކަތުގައި ޝާމިލްވުމަކީ ދެކެމުންދިޔަ ހުވަފެނެއް މިއަދު އެ ހުވަފެން ކާމިޔާބު ވެގެން މިދިޔައީ،" ޔާމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިންނެވިއިރު، ގާނޫނުތައް މުގުރާ ނުލުމަށާއި ގާނޫނީ އަސާސްތައް ނަގަހައްޓާ ދަމަހައްޓަވަން އަބަދު ވެސް އާދޭހާއެކު އެމަނިކުފާނު ދަންނަވާ ކަމަށެވެ.
އަދި އެއްވެސް މީހަކަށް އަނިޔާވެރިވާކަށް ނުވަތަ އަނިޔާ ކުރާތަން ބަލާކަށް ގާސިމް ނުހުންނަވާނެ ކަމަށާއި އަބަދުވެސް ހައްގު ބަސް ވިދާޅުވުމަކީ ގާސިމް ހިފަހައްޓާވާ އަސާސެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެ އަސާސްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި ޖޭޕީގެ ސަޕޯޓާއެކު ރިޔާސަތުތަކަށް ބޭފުޅުން ވަޑައިގަންނަވަނީ އެ ސަބަބައްޓަކާ ކަމަށެވެ.
މިރޭގެ ހަފްލާގައި ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ޔާމީން ވިދާޅުވީ، ގާސިމަކީ ޕާޓީ ހިންގަވަން އެނގިވަޑައިގަންނަވާ، އެކަމުގެ ފަންނީ އަދި ގާބިލްކަން ލިބިވަޑައިގެން ހުންނެވި ބެފުޅެއް ކަމަށެވެ.
އަދި ސިޔާސީ ޕާޓީއެއް ޕާޓީއަކަށް ވެގެންދަނީ އެ ޕާޓީއެއްގައި ހުންނަ ބާރަކާއި ދައްކާ ތަފާތެއްގެ ސަބަބުން ކަމަށާއި އެ ތަފާތު ޖޭޕީން އަބަދު ވެސް ދައްކަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފިސާރި ބޮޑު ޕާޓީއަކަށް ޖޭޕީވެ، ސިޔާސީ މަޝްރަހުގައި އެއް ނަންބަރު ޕާޓީގެ ގޮތުގައި ޖޭޕީ ވެގެންދާތަން އިހުސާސް ކުރެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޔާމީން 2014 ގައި މަޖިލީހަށް ހޮވި ވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޖޭޕީއަށް މިރޭ ސޮއިކުރެއްވުމުގެ ކުރިން ޔާމީން އެމްޓީޑީގެ ނައިބް ރައީސްގެ މަގާމުގައެވެ.