ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރައްވައިފިއެވެ.
ޔާމީން، ޖޭޕީއަށް ކުރެއްވީ މިއަދު ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޔާމީން ވަނީ ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު، އެ ޕާޓީއަށް ސޮއިކުރިކަމުގެ ލިޔުން ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއާ ހަވާލުކުރައްވައިފައެވެ.
ޔާމީން ރަޝީދު ޖޭޕީއަށް ސޮއިކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ނައިބް ރައީސްގެ މަގާމުގައެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އޭނާވަނީ މަޑުއްވަރި ދާއިރާއަށް ވެސް ވާދަކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޔާމީން 2014 ގައި މަޖިލީހަށް ހޮވި ވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު އޭނާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ޔާމީން ރަޝީދު މިރޭ ޖޭޕީއަށް ސޮއިކުރެއްވިއިރު، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއެކު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންތަކެއް ވެސް ވަނީ ދާދިފަހުން ސޮއި ކުރައްވައިފައެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ޖޭޕީގެ ޖަގަހަ، ކުނޫޒުގައި ބޭއްވި ހަފުލާގައި، އެ ޕާޓީއަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދާއި މިދިޔަ ދައުރުގައި މަޖިލީހުގެ މެމްބަރުކަން ކުރެއްވި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ ހުސެއިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް ހިމެނެއެވެ.