ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ވަގުތު ދިނުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެކަން ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ އެކަމަށް އެދިވަޑައިގަތީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި "މަގޭ ސިކުނޑީ ތެރޭ"ގެ ނަމުގައި ބާއްވާ މައުރަޒާއި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީތެރިވުމަށް ހިތްވަރުދޭ "ބީ ކައިންޑް" ހަރަކާތް އިފްތިތާހް ކުރުމަށް ނޭޝަނަލް އާޓް ގެލެރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، އެފަދަ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހަކު ގޮވާލައިފިނަމަ ނުވަތަ އެހީއަކަށް އެދިއްޖެ ހާލަތެއްގައި، ވަގުތުން އިޖާބަދީ ފުރުސަތުދިނުމަށް އެދިވަޑައިގެންފައެވެ.
އަދި އެފަދަ މީހުންނަށް ވަގުތު ދިނުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެކަން ކޮށްދިނުމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލިތަކަށް މެންޓަލް ހެލްތު ސެންޓަރު ގާއިމްކުރުމާއެކު އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް މަސައްކަތަކީ އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ހިދުމަތް ފޯރުކޮށްދޭ ތެރަޕިސްޓުންގެ އަދަދު އިތުރުކުރުންކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހެލްޕު ލައިނެއް ގާއިމްކުރުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އަދި ޖިސްމާނީ، ނަފްސާނީ، ޖަޒްބާތީ، ރޫހާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވެ އެ ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް މިއަދުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ގޮވާލެއްވިއެވެ.
އެގޮތުން ފައިދާހުރި ކާނާ އާއި ނިދި ފުރިހަމަ ކުރުމުގެ އިތުރުން ހަށިގަނޑަށް ގެއްލުންލިބޭ ހުރިހާ ކަމަކުން އެއްކިބާވާން މަސައްކަތް ކުރުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި "މަގޭ ސިކުނޑީ ތެރޭ"ގެ ނަމުގައި ބާއްވާ މައުރަޒަކީ އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރާއި އާޓް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އާއި، ރޮޓަރީ ކުލަބް އޮފް މާލެ ގުޅިގެން އިންތިޒަމްކޮށްފައިވާ ފަންނުވެރިކަމުގެ މައުރަޒެކެވެ.