ޚަބަރު

އަލިފާނުގެ ހާދިސާގައި އަޑިއަށް ދިޔަ ލޯންޗު ފަޅުތެރޭން ނަގައިފި

މަރިޔަމް ޝަހުދާ

ޓީ-ޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ، އަޑިއަށް ދިޔަ ލޯންޗު ފަޅުތެރެއިން ނަގައިފިއެވެ.

އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭރަށް އަނދައިގެން އަޑިއަށް ދިޔައީ ''ނެވި 3'' ނަމަކަށް ކިޔާ ލޯންޗެކެވެ. ފުލުހުން ބުނާގޮތުގައި، އިއްޔެގެ ހާދިސާގައި ފުރަތަމަ ރޯވީ އެ ލޯންޗުގައެވެ.

އިއްޔެގެ ހާދިސާގައި ޖުމްލަ ނުވަ މީހަކު އައިޖީއެމްއެޗަށް ގެންދިޔައިރު، ފިހިގެން ފަރުވާދެނީ ހަތް މީހަކަށެވެ. އޭގެ ތެރޭގައި ލޯންޗުގެ ހަތަރު ފަޅުވެރިން ވެސް ހިމެނެއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި، ހަތަރު ފަޅުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފައެވެ.

ހާދިސާގައި ލޯންޗު އަނދާހުލިވިއިރު، އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެއެވެ. އަދި އެ ބައުޒަރުތަކުގެ ތެރެއިން ފަސް ތެޔޮ ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަން ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށް ތަހުގީގު ކުރަމުންނެވެ.