ރ. އަނގޮޅިތީމާ ހދ. ކުރިނބީގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން އެ ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް ޖޮއިންޓް ވެންޗާ ވިތު ވޯޓާ އިންޖީނިއަރިން ސާވިސަސް އެފްޒެޑްއީ ކިޔާ ކުންފުންޏަކާއެވެ.
އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ ކަންޓްރީ މެނޭޖަރު ހިވާޖް މަހިންދްރަ މަދުސަންކާ ކަރުނަ ރަތުނޭއެވެ.
އަނގޮޅިތީމުގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު 685 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ 19.8 މިލިއަން ރުފިޔާއަށެވެ. އަދި ކުރިނބީގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީވެސް 19.8 މިލިއަން ރުފިޔާއަށެވެ.
އެ ދެ މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމުގެ ޑިޒައިން ހެދުމާއި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރަން ޖެހޭނެއެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމުކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުވައިދޭން ޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައިވެއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ގިނަ މަޝްރޫއުތަކެއްގައި މިއަދު ސޮއިކޮށްފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 77 މަޝްރޫއެއް އަލަށް ފަަށައިގެން ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 20 ރަށެއްގެ ކޮންޓްރެކްޓް ހަވާލުކުރައްވާފައިވާ ކަމަށާއި އިތުރު 14 ރަށެއް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަދުވެގެން 20 ރަށުގެ އަމަލީ މަސައްކަތް ނޮވެންބަރުގައި ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.