މިދިޔަ މަހުގެ ފަހުކޮޅު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމު ރައްކާތެރިކަމަށްޓަކައި ނުވަ އިމާރާތެއް ތަޅާލާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ބުނީ ނިމިގެންދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހ.ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރޯވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނުވަ އިމާރާތެއް ތަޅާލާފައިވާ ކަމަށާއި އޭގެ ތެރެެއިން ހަ އިމާރާތެއްގައި ގުދަން ހިމެނޭ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމު ރައްކާތެރިކަމަށް ތަޅާލި އިމާރާތްތައް:
1 ހ.ތިލަފުށި(ގުދަން)
2 ހ.މާޓިން(ގުދަން)
3 ހ.އަހްމީން(ގުދަން)
4 ހ.ކަޅުހުރާގެ(ގުދަން)
5 ހ.ކަޅުހުރާއާގެ(ގުދަން)
6 ހ.އަލްހުރާ(ގުދަން)
7 ހ.ކިޔެވް
8 ހ.ނެއިބަރ
9 ހ.ނިގާރަން
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހަ ގެއަކަށް މީހުން ދިރިނޫޅެވޭވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގެތަކަކީ:
1 ހ.އިވާއު
2 ހ.ރަދުވާނިއާގެ
3 ހ.އީރާނުގެ
4 ހ.ކަޅުހުރާ ގާޑަން
5 ހ.ކަޅުހުރާ
6 ހ.އަލްފާ
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން މީހުން ދިރިއުޅުމަށް ރައްކާތެރި، އެހެންނަމަވެސް ބައެއް މަރާމާތުތައް ކުރަންޖެހޭ އިމާރާތްތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ހެންވޭރުގެ ފަސް ގެއެއް މަރާމާތު ކުރަންޖެހެއެވެ. އެ ގެތަކަކީ އަދޫ، ނިޝާން ޕްލާޒާ، ކީލް، އިމޯޝަން އަދި ގަސްވާއެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 400އަށްވުރެ ގިނަ މީހުންނަށް ގެއްލުން ލިބުނު އިރު، ގިނަ ބަޔަކު ވަގުތީ ހިޔާތަކަަށް ބަދަލުވިއެވެ. ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ ވަގުތީ ހިޔާތަކަށް ބަދަލުވި ބައެއް ގެތަކަށް މީހުން އެނބުރި އައިސް މިހާރު ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ދިރިއުޅެވޭނެ ކަމަށް ކަނޑައަޅާފައިވާ އިމާރާތްތަކަކީ:
1 ހ.ރަސްމާ
2 ހ.ރަސްމާދޫގެ
3 ހ.ގަދަގެ
4 ހ.ގަދަގޭ ހުޅަނގުބައި
5 ހ.ހޮޅިކޮށީގެ
6 ހ.ހޮޅިކޮށީއާގެ
7 ހ.ފެހިއާބާދުގެ
8 ހ.ގަޒްވިން(ކެފޭ)
9 ހ.ކިނޮޅަސް
10 ހ.ސޯފާގެ
11 ހ.ޖީމާ
ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޖުމްލަ 786 ފަރާތަކުން ވަގުތީ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 450 ފިރިހެނުންނާއި 336 އަންހެނުންނެވެ.
އެމީހުންގެ ތެރޭގައި 636 ދިވެހިންނާއި 104 ބަންގްލަދޭޝް މީހުންނާއި 19 އިންޑިއާ މީހުންނާއި 16 ނޭޕާލް މީހުންނާއި 14 ސްރީލަންކާ މީހުންނާއި ފިލިޕީންސްގެ ހަ މީހެއްގެ އިތުރުން މިސްރުގެ އެކަކު ހިމެނޭ ކަމަށް ޑިޒާސްޓަރއިން ބުނެއެވެ.