އަލިފާނުގެ ހާދިސާ

މިއޮއްހުރިހާ ދުވަހު ބަނދަރުމަތީގައި ތެޔޮ އެޅުމުގެ ހިދުމަތް ދިނީ ގަވައިދާ ހިލާފަށް! ބަލާނެ މީހަކު ނެތް!

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ އެކި ސަރަހައްދުތަކުގައި ތޮށިގަނޑު ކައިރިޔަށް ބޮޑެތި ތެޔޮ ބަރުޒަރުތައް ކައިރިކޮށްގެން ތެޔޮ އެޅުމުގެ ހިދުމަތް ދެނީ ގަވައިދާ ހިލާފަށްކަން ''ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު'' އިން ހާމަވެއްޖެއެވެ.

އިއްޔެ ޓީ ޖެޓީ ސަރަހައްދު ފަޅު ތެރޭގައި އޮތް ލޯންޗަކަށް ތެޔޮ އަޅަމުންދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބައުޒަރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ އިރު 10 ބައުޒަރަކަށް އެކިވަރުގެ ގެއްލުން ލިބި، ފަޅުގައި އޮތް ލޯންޗެއް ވެސް އެއްކޮށް އަނދައި އަޑިއަށް ގޮސްފައި ވެއެވެ. އެހާދިސާގައި ނުވަ މީހަކު ފިހިފައިވެއެވެ.

އިއްޔެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަށް ފަހު ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިހާރު ވަނީ އުޅަނދުފަހަރަށް ތެޔޮ އަޅައި ދިނުމުގެ ހިދުމަތް ހުޅުމާލޭ ޕަމްޕް ސްޓޭޝަނަށް ބަދަލުކޮށްފަ އެވެ.

2015 ވަނަ އަހަރުގެ ނޮވެންބަރު މަހު 23 ގައި ގެޒެޓްކޮށްފައިވާ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވައިދުގެ ދެވަނަ ބާބުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގައި، ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދަކުން އެހެން އުޅަނދަކަށް ނުވަތަ އެއްޗަކަށް ތެޔޮ އަޅައިދޭންވާނީ، މާލޭގައި ނަމަ މާލޭ ސިޓީކައުންސިލުން، ރާއްޖެތެރޭގައި ނަމަ ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލުން އެކަމަށް ހަމަޖައްސަވާފައިވާ ސަރަހައްދުތަކުން ނުވަތަ ތަންތަނުންނެވެ.

ނަމަވެސް މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ''ވަން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ވިއްކުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ.

ނަމަވެސް މިހުރިހާ ދުވަހު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ބާއްވައިގެން ފަޅުގައި ހުރި އުޅަނދުތަކަށާއި އަދި ވެހިކަލުތަކަށް ތެޔޮ އަޅަމުން ދިޔައިރު އެކަން އެއްވެސް ފަރާތަކުން ބަލާފައެއް ނުވެ އެވެ. ފިޔަވަޅު އަޅާފައެއް ވެސް ނުވެ އެވެ.

މީގެއިތުރުން ''ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު'' ގައި ބުނަނީ، ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުތައް އާންމުން ހިނގާ ބިނގާވެ އުޅޭ މަގު ނުވަތަ ގޯޅީގައި ނުވަތަ އާންމުން ދިރިއުޅޭ އިމާރާތަކާއި ފަސް މީޓަރަށްވުރެ ކައިރީގައި، އެ އުޅަނދަށް މައްސަލައެއް ދިމާވެގެން މެނުވީ، ހުއްޓާފައި ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ހުއްޓާފައި އޮންނައިރު ވެސް އުޅަނދުގެ ޑްރައިވަރު އަބަދުވެސް އުޅަނދުގައި އިންނަން ވާނެކަމަށް އެމާއްދާގައި ވެއެވެ. އަދި ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުފަހަރު ޕާކުކޮށްފައި ބާއްވަންވާނީ، މާލޭގައި ނަމަ މާލޭ ސިޓީކައުންސިލުން، ރާއްޖެ ތެރޭގައިނަމަ ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލުން އެކަމަށް ހަމަޖައްސާފައިވާ ސަރަހައްދު ތަކުގައެވެ. ތެޔޮ އަޅައިދޭންގޮސް ތަނެއްގައި ޕާކުކުރާނަމަ އުޅަނދުގެ ޑްރައިވަރު އަބަދުވެސް ކައިރީގައި ހުންނަންވާނެއެވެ.

ތެޔޮ ބަރުކޮށްގެން މާލޭގައި ދުއްވާ އުޅަނދުތައް އާންމުކޮށް ދުއްވަންވާނީ މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައިކަމަށް އެ ގަވާއިދު ބުނެ އެވެ. ކޮންމެހެން މާލެތެރެއަށް އަރަން ޖެހިގެން މެނުވީ މިފަދަ އުޅަނދެއް މާލެތެރޭގައި ދުއްވުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ދުއްވާއިރުވެސް ސްކޫލުތައްފަދަ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގެ ކައިރިން ދަތުރުކުރުމަކީ މަނާކަމެކެވެ.

ގަވައިދުގައި މިހެން ބުނެފައި ވީނަމަވެސް ތެޔޮ އުފުލާ އުޅަނދު ފަހަރުތަކުން މާލޭ މާރުކޭޓު ސަރަހައްދާއި އެމްޕީއެލް ސަރަހައްދުގެ އިތުރުން އެމްއެމްއޭ ކުރިމަތީ މަޑުކޮށްގެން އުޅަނދު ފަހަރަށް ތެޔޮ އަޅާ ތަން ފެނެއެވެ. މާލޭ އުތުރު ފަރާތު ބަނދަރާއި އަދި ޓީޖެޓީ ސަރަހައްދަކީ ގިނަ މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދަކަށް ވާއިރު، އެސަރަހައްދުގައި އޮފީސް އިމާރާތްތައް ވެސް ހުރެއެވެ. އަދި ޓީޖެޓީ ސަރަހައްދަކީ ފަޅުއޮޑިފަހަރަށް މުދާ އަރުވައި ބޭލުމުގައި މީހުން އަވަދިނެތި އުޅޭ ސަރަހައްދެކެވެ. އުތުރު ފަރާތުގައި ގިނަ އަދަދެއްގެ ފިހާރަތައް ހުންނަ އިރު މީގެން ބައެއް ސަރަހައްދުތަކަކީ މާލެ ދަތުރުކުރާ ބޮޑެތި އުޅަނދު ފަަހަރުވެސް އަޅާފައި ހުންނަ އަދި ގިނަ އަަދަދެއްގެ މުދަލާއި މީހުން ދިރިއުޅޭ އުޅަނދުތައް ވެސް ހުންނަ ސަރަހައްދުތަކެވެ. ނަމަވެސް އެކަންކަމަށް ބެލުމެއްނެތި، ގަވާއިދާ ހިލާފަށް އެތައް އަހަރެއް ވަންދެން ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އިއްޔެ މިވަނީ ނުރައްކާތެރި ގެއްލުން ބޮޑު ހާދިސާއެއް ހިނގާފައެވެ. މީގެ ކުރީން ވެސް ފަޅު ތެރޭގައި އަލިފާނުގެ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.

ޕެޓްރޯލް ބަރުކޮށްފައިވާ އެއްވެސް އުޅަނދެއްގައި ނުވަތަ އެފަދަ އުޅަނދެއްގެ ކައިރީގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަލިފާންގެންގުޅުމަކީ ވެސް މަނާކަމެކެވެ. ހަމަ އެފަދައިން އެފަދަ އުޅަނދެއް ކައިރީގައި
އަލިފާން ކަނޑާފަދަ އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމާއި، އަލިފާން ކަނޑާފާނެ ތަކެއްޗާއި ގޮވާ ތަކެތި ގެންގުޅުމަކީވެސް މަނާކަމެކެވެ. ނަމަވެސް މާލޭގެ އެންމެ ކާރޫބާރު ބޮޑު އެ ސަރަހައްދުތަކުގައި ސިނގެރެޓް ބޮއި އުޅުމަމީ އާންމު ކަމެކެވެ.

ގަވައިދު ބުނާގޮތުން ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ނުވަ ކިލޯގެ ދެ އަލިފާންނިވި (ޑީ.ސީ.ޕީ ނުވަތަ ފޯމް) މީހުންނަށް ފަސޭހައިން އަތުޖެހޭ ގޮތަށް ބަހައްޓާފައި ހުންނަން ޖެހޭނެއެވެ.
އަދި އޭގެ އިތުރުންވެސް ތެޔޮ އުފުލާ ވެހިކަލަށް ތެޔޮ ބަރުކޮށް އަދި ވެހިކަލުން ތެޔޮ ދޫކުރަންވާނީ، ތެޔޮ ޕަމްޕް ކުރުމަށް އުފައްދާފައި ހުންނަ ޕަމްޕް ބޭނުންކޮށްގެންނެވެ. އެއްވެސް ހާލެއްގައި ޕެޓްރޯލް ޕަމްޕް ބޭނުންކުރުމަކީ މަނާކަމެކެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ގަވާއިދުގެ ވިހި ވަނަ މާއްދާގައި ވަނީ ޖޫރިމަނާތަކެއްވެސް ކަނޑައަޅައިފައެވެ.

އެގޮތުން ފުރަތަމަ ފަހަރު 5000ރ އިން ފެށިގެން 20000ރ. އާއި ދެމެދުގެ އަދަދަކުން ޖުރުމަނާ ކުރެވޭނެއެވެ. އަދި ފުރަތަމަ ފަހަރު އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި 15000ރ. އިން ފެށިގެން 25000ރ ދެމެދުގެ އަދަދަކުން ޖުރުމަނާ ކުރެވޭނެއެވެ. އަދި ކުށްތައް ތަކުރާރު ކުރާ ފަރާތްތަކަށް ދީފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފަހައްޓައި ނުވަތަ ބާތިލު ކުރުމުގެ އިހުތިޔާރު ޑިފެންސް މިނިސްޓްރީއަށް ލިބިގެންވެއެވެ.