މަގުމަތީގެ އެކްސިޑެންޓް

ހަދަމުންދާ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ

މަރިޔަމް ޝަހުދާ

ހަދަމުންދާ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުން މައުލޫމަތު ދިން ގޮތުގައި ހެންވޭރު ވައިލެޓް މަގުގައި ހަދަމުން އަންނަ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓިގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 12:49 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާއާގައި ގެއްލުން ވެފައިވަނީ އެހިސާބުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކަކަށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އަށް ސައިކަލަކަށް ގެއްލުން ވެފައިވެއެވެ.

ހަދަމުން ދާ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީހުންނާއި މުދަލަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކުޑަކުއްޖަކު ނިޔާވެފައިވާއިރު މިއަހަރު ޖުލައިމަހުވެސް ހުޅުމާލޭގައި ވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ.