އިންޑިއާގެ ޗެއަރމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރަވަތު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުކޮށްލެއްވުން އޮތީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޖެނެރަލް ރަވަތު އަށް މަރުހަބާ ދަންނަވާފައެވެ. ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ފޯރުކޮށްދޭ އެހީތެރިކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރު ޝާހިދުގެ އަރިހުގައި، މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ.އަލީ ނަސީރު މުހައްމަދާއި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް އަހުމަދު ތޯހިރު އާއި އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރު މަރިޔަމް މިދުފާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ރަވަތު ރާއްޖެ ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ. މި ދަތުރުފުޅުގައި ޖެނެރަލް ރަވަތު ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވެސް ބައްދަލު ކުރައްވާފައެވެ.