އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި، ކުރިއަށް ގެންދިއުމަށް ހަވާލުކުރި މަޝްރޫއު ތަކުގެ އަދަދު ރެކޯޑް އަދަދަކަށް އަރައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު 70 މަޝްރޫއު ކުރިއަށްގެންދަން ހަވާލު ކުރި ނަމަވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ)ގެ 129 މަޝްރޫއު މި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ މިއީ ރެކޯޑު އަދަދެއްގެ އިތުރުވުމެއް ކަމަށެވެ. އަދި މި 129 މަޝްރޫއުގެ އަގު 3.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ ޕްރޮގްރާމް" ގައި ތަފްސީލުތައް ހާމަ ކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އަލަށް ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ 70 މަޝްރޫއު ހިމެނޭ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ 26 މަޝްރޫއެއް 25 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ 210 މިލިއަން ރުފިޔާގެ މަޝްރޫއުކަމަށެވެ.
މީގެ އިތުރުން ބޯހިޔާވަހި ކަމުގެ ތިން މަޝްރޫއެއް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު 151 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެއް 36 ރަށުގައި ކުރިއަށް ގެންދަން ހަވާލުކޮށްފައިވާއިރު، އެއީވެސް އެއް ބިލިއަން ރުފިޔާގެ މަސައްކަތް ކަމަށެވެ. އަދި މަގު ހެދުމުގެ އަށް މަޝްރޫއެއް ހިމެނޭ އިރު އެ މަޝްރޫއުތަކުގެ އަގު 161 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ވިދާޅވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިދިޔަ ސަރުކާރާ ހިލާފަށް މާ ބޮޑު ތަނުން އަގު ހެޔޮކޮށް، މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސް އަކުންނެވެ.
ނިމިދިޔަ ސަރުކާރުތަކުން މަޝްރޫއުތައް ހަވާލުކޮށްފައިވާ ނިސްބަތް ހާމަ ކުރައްވައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު 70 މަޝްރޫއު ހަވާލުކޮށްފައިވާއިރު، އޭގެ ކުރިން އޮތް ރައީސް ނަޝީދުގެ ސަރުކާރުން 2009 ވަނަ އަހަރު ހަވާލުކުރީ 60 މަޝްރޫއު ކަމަށެވެ.
"އަޅުގަނޑުމެން އޮގަސްޓް މަހުގެ ނިޔަލަށް 129 ޕްރޮޖެކްޓް ހަވާލު ކޮށްފިން،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.