މާލޭގައި ގެޔަކުން ވައްކަން ކުރަން ވަދެ އުޅުނު ދެމީހުން ހައްޔަރުކުރި އިރު އެތަނުން އެކެއްގެ ޖީބުގައި ވަޅިއެއް އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބިދޭސީން ދިރިއުޅޭ ގެ އަކުން ވައްކަންކުރަން ވަދެ އުޅުނު ދެ މީހަކު ރޭ މެންދަމު 2:14 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި ދެމީހުން ބަލައި ފަސްކުރި އިރު، 27 އަހަރުގެ މީހާ ލައިގެން ހުރި ޖީންސްގެ ފަހަތު ޖީބުން ވަޅިއެއް ފެނިފައިވާކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން ބިދޭސީން ދިރިއުޅޭ ދެ ތަނަކުން ރޭގެ ފަތިހު ވައްކަން ކުރިކަމުގެ ތުހުމަަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ރޭ ފަތިހު ފިހާރައަކަށް ގެއްލުންދީ އެތަނުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ރޭ ފަތިހު މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭގައި ހުންނަ އޮފީހުގެ ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން ވަދެ ތިޖޫރީ ފަޅާލައި، ފައިސާ ނަގަން މަސައްކަތް ކޮށްފައިވާ މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.