ކެފޭތަކަށް ގޮސް ހިދުމަތް ހޯދުމަށްފަހު ބިލަށް ފައިސާ ނުދައްކާ އުޅޭ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލީ، ހަނދުވަރުދޭގޭ ޔާސީން ރަޝީދު 23އ އެވެ. އޭނާ ހައްޔަރުކުރީ ކެފޭއަކަށް ގޮސް ކެއުމަށް ފަހު ބިލު ނުދައްކައިގެން ކެފޭއިން ރިޕޯޓުކޮށްގެންނެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.
ކޯޓުގައި ދިފާއުވުމަށް ޔާސީން ވަނީ އޭނާ ކެފޭއިން ކެއުމަށް ފަހު ފައިސާ ދައްކަން ބޭބެއަކަށް ގުޅި ކަމަށާއި އެއިރު ބޭބެގެ ފޯނު އޮތީ ނިވިފައި ކަމަށާއި ނަމަވެސް އެ ފައިސާ ފޮނުވާފައިވާނެ ކަމަށް ބުނެފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާއަކީ އާންމުކޮށްވެސް އެހެން ކެފޭތަކަށް ގޮސް ހިދުމަތް ހޯދުމަށްފަހު ބިލު ނުދައްކާ އުޅޭ މީހެއް ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ޔާސީނަކީ ބަންދު ރެކޯޑް އޮތް މީހެކެވެ.