އިބްރާހިމް ޒަކީ
ފަހަކަށް އައިސް ކައިރި ކައިރީގައި ހިނގާދިޔަ، އަލިފާނުގެ ހާދިސާތައް ތަހުގީގުކޮށް އެއީ ބަޔަކު ރާވައިގެން ކުރާކަމެއްތޯ ބަލަންޖެހޭކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ޓީޖެޓީ ސަރަހައްދުގައި ހުރި ތެޔޮ ބައުޒަރުތަކާއި ލޯންޗެއްގައި އިއްޔެ އަލިފާން ރޯވެ ނުވަ މީހަކަށް އަނިޔާވި ހާދިސާ އާއި އޭގެ ކުރިން ކައިރި ކައިރީގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން މޫސާ ސިރާޖު ވިދާޅުވީ، އަލިފާނުގެ ހާދިސާތައް ކައިރި ކައިރީގައި ހިނގުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މި ހާދިސާތައް ތަހުގީގުކޮށް، މިކަންކަމަކީ ބަޔަކު ރާވައިގެން ގަސްތުގައި ކުރާކަމެއްތޯ ބަލަންޖެހޭ ކަމަށެވެ.
އިއްޔެ ޓީޖެޓީގައި ހިނގި އަލިފާނުގެ ކުރިންވެސް ކައިރި ކައިރީގައި ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާއިރު، އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެއް ހިނގީ އޮކްޓޯބަރުމަހުގެ ވިހިވަނަ ދުވަހުއެވެ.
ހ. ތިލަފުށި ގޭގައިހުރި ކެމިކަލް ގިދަނެއްގައި ރޯވި މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ.
މިހާދިސާގައި އެކަކު މަރުވިވިއިރު ހަތްސަތޭކައަށްވުރެ ގިނަ މީހުން ވަނީ ވަގުތީ އެހީ ބޭނުންވެގެން، މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ އެހީތެރިކަމަށް އެދިފައެވެ.
މިހާދިސާއާ ގުޅިގެން، އެއީ ރާވައިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ ތަހުގީގަށް އެފަދަކަމެއް ފާހަގަ ވެފައި ނުވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވެސް ބުނެފައިވަނީ އެ ހާދިސާގައި އެފަދަކަމެއް ފާހަގަ ވެފައިނުވާ ކަމަށެވެ.
މުއިއްޒުގެ ވާހަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (ޓޫފޯވަން) ކޮމިޓީ ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން އޮންލައިން" އަށް ވިދާޅުވީ، އެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އެކަން ބެއްލެވި ކަމަށެވެ. އަދި އެހާދިސާއާ ގުޅިގެން އެފަދަކަމެއް ފާހަގަ ވެފައިނުވާ ކަމަށާއި އެ ވާހަކައަކީ މުއިއްޒުގެ އަމިއްލަ ރައުޔު ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ހާދިސާއާ ގުޅިގެން އާއްމު ފަރާތަކުންވެސް އެއްވެސް މައްސަލައެއް ކޮމިޓީއަށް ހުށަހަޅާފައިނުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ވަން އޮންލައިން" އަށް އަސްލަމް ވިދާޅުވީ، އެފަދަ ހާދިސާތައް ހިނގިޔަ ނުދޭން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ކަމާ ގުޅޭ ކަންތައްތައް ބަލަން ޖެހިއްޖެ ނަމަ އެކަމެއް ބެލުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހަރަކާތްތެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުނިމި މަޖިލިސް ޗުއްޓީއަށްދިޔަ ނަމަވެސް މަޖިލީހުގެ ޓޫފޯވަން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ކޮމިޓީއަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޗުއްޓީ ދެއްވާފައެއް ނުވެއެވެ.