އައްޑުސީޓީ ގައި ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގުރާމުގެ ދަށުން، އިމާރާތްކޮށްފައިވާ ފުލެޓުތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުގެ ދަށުން އައްޑޫސިޓީގެ ހުޅުދޫ އަވަށުގައި 48 ފުލެޓާއި ހިތަދޫ އަވަށުގައި 264 ފުލެޓު ވަނީ ގާއިމުކޮށްފައެވެ.
މިކަމާ ގުޅިގެން އައްޑޫ ސީޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ މި ދެ އަވަށުގެ އެކި ކެޓަގަރީތަކުގެ ފުލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި އިއުލާނުގައި ވާގޮތުން، ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހަދާފައިވާ 23 ފުލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވެ ލިސްޓުގައި ހިމެނިފައި ވަނީ 18 ފަރާތެކެވެ. އަދި ހުޅުދޫ/ މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ 15 ފުލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝާރުތު ހަމަވެ ލިސްޓުގައި ހިމެނިފައިވަނީ ދެ ފަރާތެވެ.
އަދި ހިތަދޫ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 150 ފްލެޓަށް ޝަރުތު ހަމަވެގެން ދާއިމީ ލިސްޓުގައި 179 މީހަކު ހިމެނިފައިވާއިރު، މަރަދުއާއި މަރަދޫފޭދޫ ރައްޔިތުންނަށް ހާއްސަކުރި 30 ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނެނީ 32 މީހުންނެވެ. ފޭދޫ ރައްޔިތުންނަށް ހާއްސަކުރި 50 ފްލެޓްގެ ދާއިމީ ލިސްޓުގައި 54 މީހުން ހިމެނޭ ކަމަށްވެސް އައްޑު ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ ތެރެއިން ފުލެޓު ލިބޭ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަަމަވެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ހިތަދޫ ފުލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު މިދިޔަ ޖުލައި މަހު އާންމުކޮށްފައިވާއިރު، އެ ފުލެޓްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ 2016 ވަނަ އަހަރުއެވެ.