އެމްޓީސީސީ

އެމްޓީސީސީން ތ. މަޑިފުށީ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފި

އާނިފާ ހުސެއިން ސިރާޖް

އެމްޓީސީސީން ތ. މަޑިފުށީގައި ހަދަމުން ދިޔަ ބަނދަރުގެ މަސައްކަތް ނިންމައިފިއެވެ.

2016 ވަނަ އަހަރުގެ މާޗު މަހު 20 ގައި މަޑިފުށީގައި ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވާއިރު، އެމްޓީސީސީން ބުނީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ހަމަ އެ އަހަރުގެ މާޗު މަހު 26ގައި ފަށާފައިވާ ކަމަށެވެ.

އެގޮތުން މިއަދު އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޑިފުށި ބަނދަރު ހެދުމުގެ މަަސައްކަތް އެ ކުންފުނިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ތ. މަޑިފުށި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފައި ވަނީ 52.9 މިލިއަން ރުފިޔާއަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން 1،010 އަކަމީޓަރުގެ ހާބަރު ޕޭވްމަންޓު ހެދުމާއި، މޫރިން ރިންގްސް ހަރުކުރުމާއި، ފަޅު ފުން ކުރުމާއި، 256.03 މީޓަރުގެ ބުރޭކްވޯޓާ ހެދުމާއި، 20 މީޓަރުގެ ރިވެޓްމެންޓާއި 357 މީޓަރުގެ ކުއޭ ވޯލް ބްލޮކެއްގެ އިތުރުން ދެ ނެރުބައްތި ހަރުކޮށްފައިވާ ކަމަށްވެސް އެމްޓިސީސީން މައުލޫމާތުދެއެވެ.