ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މިނިމަމް ވޭޖް ބޮޑުކޮށްގެން ސަރުކާރަށް އަދި އަމިއްލަ ވިޔަފާރިތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ

މަރިޔަމް ޝަހުދާ

މިނިމަމް ވޭޖް (އެންމެ ކުޑަވެގެން ދެވޭނެ މުސާރަ) ބޮޑުކޮށްގެން ނުވަތަ މިނިމަމް ވޭޖެއް ކަނޑައަޅައިގެން ސަރުކާރަށް އަދި ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށްވެސް ލިބޭނެ އިތުރު ގެއްލުމެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''ފަލަސުރުހީ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ''ފައިސާ އަކީ ދައުރުވާ ވަރަކަށް ވިހާއެއްޗެއް'' ކަމަށެވެ. އަދި ކަން މިހެން އޮތް އިރު މިނިމަމް ވޭޖު ބޮޑުކޮށްގެން ނުވަތަ މިނިމަމް ވޭޖެއް ކަނޑައަޅައިގެން އިގުތިސާދަށް ލިބޭނީ ފައިދާ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މިނިމަމް ވޭޖާއެކު މުސާރަ ބޮޑުވުމުން މީހާގެ ''ބައިންގް ޕަވާ'' އިތުރު ވާނެކަމަށެވެ. އަދި މީގެ ސަބަބުން އެމީހަކު ގަންނަ އެއްޗެހި ގިނަވެ، ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ ޓެކްސް ފައިސާ އިތުރުވެ ދައުލަތަށް އިތުރު ޕީއެސްއައިޕީ ޕްރޮޖެކްތައް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

''އަޅުގަނޑު ދެކޭ ގޮތުގައި މިނިމަމް ވޭޖް ބޮޑުކޮށްގެނެއް، އެހެން ނޫނީ މިނިމަމް ވޭޖެއް ކަނޑައެޅިގެނެއް އަޅުގަނޑުމެންގެ ސަރުކާރަށްވެސް އަދި ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށްވެސް ލިބޭނެ އިތުރު ގެއްލުމެއް ނޯންނާނެ. އެއީ ރައްޔިތުންގެ ބައިންގް ޕަވާ ބޮޑުވާ ވަރަކަށް އިގްތިސާދުގެ އިތުރު ވިޔަފާރީގެ ހަރަކާތްތައް އިތުރުވެގެންދާނެ. އިތުރު ވިޔަފާރީގެ ހަރަކާތްތައް އިތުރުވެގެންދާ ވަރަކަށް އަޅުގަނޑުމެންނަށް ފެނިގެންދާނީ އިގްތިސާދު ފުޅާވަމުން ދާތަން.''

އަމީރު ވިދާޅުވީ މިއީ ވަށާ ޖެހޭ ސައިކަލް އެއް ކަމަށާއި، މިކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް އަދި ސަރުކާރަށްވެސް ކުރާނީ ފައިދާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިނިމަން ވޭޖާއި ނެޝަނަލް ޕޭ ކޮމިޝަނުންގެ ތެރެއިން މުސާރައިގެ އޮނިގަނޑަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިހާރުވެސް އެއް ހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި މުސާރައިގެ ބޮޑެތި ފަރަގުތަކެއް ހުންނަތަން ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަން އެއް ހަމައަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މުސާރައިގެ އޮނިގަނޑު ހާމަނައިޒް ކުރެވުމުން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުސާރައިގެ ހާމަނައިޒޭޝަނަކީ މީހަކު އަދާ ކުރާ ވަޒީފާގައި ކުރާ މަސައްކަތާއި، ވަޒީފާ އަދާކުރާ ތަނަށް އެ މީހެއްގެ މަސައްކަތުން ލިބޭ ކުރިއެރުން ނުވަތަ ފައިދާއަށް ނިސްބަތްކޮށް އެމީހަކަށް އުޖޫރައެއް ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑެވެ. ސިވިލް ސާވިސް، ޝަރުއީ ދާއިރާ އަދި އެހެނިހެން ފަރާތްތަކުގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ވާއިރު، މިކަމަށް ހަމަހަމަކަން ގެނައުމަށް މުސާރައިގެ ހާމަނައިޒޭޝަންގެ މުހިއްމުކަން ބޮޑުކަން އަމީރު ފާހަގަ ކުރެއްވިއެވެ.