ބިދޭސީން ދިރިއުޅެމުންދާ ގެއަކަށް ވަދެ ފޭރެން އުޅެނިކޮށް، އެކަން ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހެންވޭރުގައި ބިދޭސީން ދިރިއުޅެމުންދާ ގެއަކަށް ތިން މީހަކު ވަދެ ފޭރެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 12:30 އެހާކަންހާއިރު ލިބުނު ކަމަށެވެ.
އަދި އެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ފުލުހުން، އެ ގެއަށް ގޮސް އެމީހުން ހުއްޓުވައި ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހުން ދުއްވި ދެ ސައިކަލެއް ވެސް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.