ޚަބަރު

ކުރީ ސަރުކާރުން ހިންގި މަޝްރޫއުތަކަށް އިތުރަށް ހަރަދު ކުރަން ޖެހުނު: އަމީރު

މަރިޔަމް ޝަހުދާ

ކުރީ ސަރުކާރުން ފަށާފައިވާ އެކި މަޝްރޫއުތަަކަށް މިސަރުކާރުން އިތުރު ހަރަދު ކުރަން ޖެހުނު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކުރީ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ މަޝްރޫތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރާއި ހަވާލުވި އިރު ދައުލަތުގެ ބަޖެޓު ހިންގަން ހުރި ކޭޝްފުލޯގެ ދަތިކަމެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ، އެކަން ހައްލުކުރަން މި ސަރުކާރުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ހިލޭ އެހީ ހޯދައިގެން ބަޖެޓް ސަޕޯޓް ހަމަޖެއްސުން ކަމަށެވެ. އެގޮތުން އިންޑިއާ އިންޑިއާގެ އިތުރުން އެހެން ގައުމުތަކުން ލިބުނު އެހީއާއެކު ބަޖެޓް ސަޕޯޓް ގާއިމް ކުރެވި، ކުރީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓަނުލާ ކުރިއަށް ގެންދަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުގެ ޕްރޮޖެކްޓުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކަށް މި ސަރުކާރުން އިތުރަށް ހަރަދު ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ބައެއް މަޝްރޫތައް ހަވާލުކުރުމަށްފަހު ނުދައްކާ ހުރި ބިލްތައް މިސަރުކާރަށް ދައްކަން ޖެހުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިލްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތީ ކޮމިއުނިކޭޝަންގެ މައްސަލައެއް ދިމާވެގެން ކަމަށެވެ.

ނަމަވެސް ބިލްތައް ނުދައްކާ ހުރެގެން ސަރުކާރުން ފައިސާ ދައްކަންޖެހުނު ޕްރޮޖެކްޓެއްގެ ތަފްސީލެއް އަމީރު ވިދާޅެއްނުވެއެވެ.

އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓާމިނަލަށް ފަންޑުކުރާ ހުރިހާ އެޖެންސީތަކާއި މި ސަރުކާރުން އަލުން މަޝްވަރާ ކުރަން ޖެހުނު ކަމަށެވެ. އަދި ހުރިހާ ފަންޑިންގް އޭޖެންސީ ތަކާއި ވަކިވަކިން މަޝްވަރާކޮށް ދިމާވެފައިހުރި މައްސަލަތައް މިހާރު ހައްލުކޮށް، 34 މަސް ދުވަހުގެ ތެރޭގައި އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ ސައުދީ ބިންލާދިން ގްރޫޕާއެވެ.

އެ މަސައްކަތް ބިންލާދިން ގުރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން އެ މަސައްކަތް މަޑު ޖައްސާލާފައި އޮތުމަށްފަހު، މިދިޔަ ޖޫން 27 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި އަލުން ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފައެވެ. އެގޮތުން މިމަހުގެ ތެރޭގައި އާ ޓާމިނަލްގެ ޕައިލިން މަސައްކަތް ނިންމައި، ފައުންޑޭޝަނާ ގުޅޭ ކަންކަން ވަނީ ފަށައިފައެވެ.