ދިވެހި ސިފައިންގެ ޓްރޭނިން އާއި އޮޕަރެޝަނަލް ގާބިލްކަން އިތުރު ކުރުމާ ގުޅެގޮތުން އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތުއާއެކު މަޝްވަރާ ކުރައްވައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑާރަކޮށީގައި މިއަދު ބޭއްވި ބައްދަލުުވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ބޭއްވުމާއި ޖޮއިންޓް ޓްރޭނިން ޕްރޮގްރާމްތައް ހިންގުމާއި އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމާބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގަތެވެ.
އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އިންޑިއާ އަސްކަރީ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.