އަލިފާނުގެ ހާދިސާ

ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ސަލާމަތީ ކަންކަމަށް ސަމާލުވުން މުހިންމު: އިމްރާން

މަރިޔަމް ޝަހުދާ

ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމުގެ ގޮތުން ސަލާމަތީ ކަންކަމަށް ސަމާލުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ހަވީރު ޓީ-ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށް ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ސަލާމަތީ ކަންކަމަށް ހުރިހާ އެންމެން ވެސް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

އަދި މިއަދުގެ އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ސިފައިންނާއި ފުލުހުންގެ އޮފިސަރުންގެ އިތުރުން އާންމުންނަށް މިނިސްޓަރުގެ ޓުވީޓްގައި ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ހަވީރު ހާދިސާ ހިނގާފައިވަނީ މާލޭ ޓީ-ޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ހަތަރު ތެޔޮ ބައުޒަރެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި ލޯންޗު އެއްކޮށް އަނދާ ހުލިވެ، ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، ތެޔޮ ބައުޒަރުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ ނުވަ މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ ތެރެއިން ހަތް މީހަކު ހޮސްޕިޓަލަށް ގެންދިޔައީ ފިހިގެންނެވެ. މި ހަތް މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށް ދަނީ ފަރުވާ ދެމުންނެވެ.