މިއަދު ހިނގައިދިޔަ ފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ޓީ ޖެޓީ ސަރަހައްދުގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ފުލުހުންނާއި ސިފައިން މިއަދުގެ އަލިފާންގަނޑު ނިއްވުމަށް ކުރި މަސައްކަތަށް ޝުކުރު ދަންނަވައި ރައީސް ވިދާޅުވީ މާލެއަކީ މީހުންނާއި ދުއްވާ އެއްޗެހިން ފުރި ބާރުވެފައި އޮތް ތަނެއް ކަމަށެވެ. އަދި މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިއަދު ހިނގައިދިޔަ ފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަދު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަކީ ޕެޓްރޯލާއި ޑީޒަލްގެ ބައުޒަރުތައް އަދި އިންޖީނުލީ އުޅަނދު ފަހަރު އޮތް ސަރަހައްދެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު ފުލުހުންނާއި ސިފައިން އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށް މަސައްކަތް ކުރީ ވަރަށް ރަނގަޅަށް އަދި ހަލުވިކޮށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަދުގެ މި ހާދިސާ މިހާރަށް ވުރެ ބޮޑުވެ، ބޮޑު ކާރިސާއަކަށް ވުމުގެ ފުރުސަތު އޮތް ކަމަށާއި އެކަން އެހެން ނުވީ ފުލުހުންނާއި ސިފައިން އަލިފާން ނިއްވުމަށް އަވަހަށް ހަރަކާތްތެރިވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަލިފާން ހިނގި ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އައިޖީއެމްއެޗްއަށެވެ. އައިޖީއެމްއެޗްއަށް ވަޑައިގެން ރައީސް ވަނީ މި ހާދިސާގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ހާލު ބައްލަވާލައްވައިފައެވެ.
މާލޭ ޓީ-ޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ހަތަރު ތެޔޮ ބައުޒަރެއްގައި ރޯވެގެން ހިނގި މި ހާދިސާގައި އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ވަނީ ޖުމްލަ ނުވަ މީހަކު ގެންގޮސްފައެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފިހިގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެތަނުން އެކަކު އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތުދެއެވެ.
މި ހާދިސާގައި ރޯވި ލޯންޗް ވަނީ އަނދާ ހުލިވެ، ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. އަދި ތެޔޮ ބައުޒަރުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.