އަލީ ރިފްޝާން
ފާޑުކިޔުންތަކާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ގައުމީ ޓީމު ކޮމިޓީން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު އިސްތިއުފާދެއްވައިފިއެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ އެ ކޮމިޓީގެ މެމްބަރުކަން ގަބޫލުކުރެއްވުމުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ފާޑުކިޔުން ވެސް އަމާޒުވި ކަމަށާއި އެގޮތުން އެ ކޮމިޓީގައި އިންނެވުމުން ފުޓުބޯޅައަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ބެލެވިދާނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ގައުމީ ޓީމުގެ ކަންތައްތަކާ ގުޅޭ ކޮމިޓީއެއް އެކުލަވާލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ކަމަށާއި އަދި އެ ކޮމިޓީގައި އިންނަވަން އެދިވަޑައިގަތުމުން މެމްބަރުކަން ގަބޫލުކުރެއްވީ ކުރިން ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާތީ ކަމަށް މަހުލޫފު ވިދާޅުވިއެވެ. ނަމަވެސް މެމްބަރުކަން ގަބޫލުކުރެއްވުމުން ހީކުރި ވަރަށްވުރެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަހުލޫފު ވިދާޅުވީ އިސްތިއުފާ ދޭން ނިންމީ އެކަމާ ގުޅޭގޮތުން ބައްސާމްއާ ވެސް ވާހަކަދެއްކުމަށް ފަހު ކަމަށާއި އިސްތިއުފާ ދިން ނަމަވެސް އެ ކޮމިޓީގައި ޔޫތު މިނިސްޓްރީގެ ފަރާތުން ބޭފުޅަކު އިންނަވާނެ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ކޮމިޓީގައި އިންނެވުމަށް ވެސް މަހުލޫފު އެދިވަޑައިގެންނެވިއެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ކަންތައްތަކުގައި ލަފާ ހޯދުމަށް އެފްއޭއެމް އިން އެކުލަވާލި ކޮމިޓީން މަހުލޫފު އިސްތިއުފާދެއްވުމުން މިހާރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އެފްއޭއެމްގެ ރައީސް ބައްސާމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.