މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ޖުމްލަ ނުވަ މީހަކު ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފިހިގެން ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އެއީ ފަސް ދިވެހިންނާއި ދެ ބިދޭސީންނެވެ.
އޮފިޝަލު ވިދާޅުވީ، ފިހުނު މީހުންގެ ތެރެއިން އެކަކު ދާދި ދެންމެއަކު އައިސީޔޫއަށް ބަދަލުކޮށް، ފަރުވާ ދެމުންދާ ކަމަށެވެ. ދެން ތިބި ހަ މީހުންނަށް ފަރުވާ ދެމުންދަނީ މެޑިކަލް ވޯޑުގައެވެ.
''އެޑްމިޓްކޮށްގެން ފަރުވާ ދެމުން މިދަނީ ހަތް މީހަކަށް. އޭގެ ތެރެއިން އެކަކު ދެންމެ އައިސީޔޫއަށް ބަދަލުކޮށްފި. އޭނާ އައިސީޔޫއަށް ބަދަލުކުރީ ހާލު ގޯސްވެގެންނެއް ނޫން، އިތުރަށް ހާލު ސީރިއަސް ވެދާނެ ކަމަށް ޑޮކްޓަރުންނަށް ލަފާ ކުރެވޭތީ. އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން.'' މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މިއަދުގެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭ ޓީ-ޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ހަތަރު ތެޔޮ ބައުޒަރެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި ލޯންޗު އެއްކޮށް އަނދާ ހުލިވެ، ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، ތެޔޮ ބައުޒަރުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.