ޚަބަރު

އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ހާލު ރައީސް ބައްލަވާލައްވައިފި

މަރިޔަމް ޝަހުދާ

ޓީ-ޖެޓީ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ކައިރިއަށް ޒިޔާރަތް ކުރައްވާ އެމީހުންގެ ހާލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވައިފިއެވެ.

މާލޭ ޓީ-ޖެޓީ ސަރަހައްދުގައި އަޅާފައި އޮތް ލޯންޗަކާއި އެ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ، މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި ހަތް މީހަކު ފިހިގެންދަނީ ފަރުވާދެމުންނެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހުންގެ ހާލު ބައްލަވާލެއްވުމަށް އައިޖީއެމްއެޗަށް ވަޑައިގަތުމުގެ ކުރިން، ރައީސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، އެތަނުގެ ހާލަތާއި އަލިފާން ނިއްވާލުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ސާފު ކުރައްވައިފައެވެ. އަދި އަލިފާން ނިއްވާލުމަށް ސިފައިންނާއި ފުލުހުން ކުރި މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާ ހިތްވަރު ދެއްވައިފައެވެ.

އަދި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ނުގެންދިޔަނަމަ މިހާރު ލިބިފައިވާ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށާއި މިފަދަ ހާދިސާތައް ކުރިއަށް އޮތްތަނުގައި ވިޔަނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ރައީސް ވިދާޅުވިއެވެ.

ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގަތެވެ.