އިބްރާހިމް ޒަކީ
އަނބިދަރިންނަށް ދޭންޖެހޭ ހަރަދުގެ މިންވަރު ބޮޑުކޮށް، ކައިވެނި ރަޖިސްޓްރާގެ އޮފީސް ގާއިމްކުރުމާއެކު އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމާބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މުހިއްމު ހުށަހެޅުންތަކެއް "ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް" އަށް ހުށަހަޅައިފިއެވެ.
އެޓާނީޖެނެރަލް (އޭޖީ) އޮފީހުން ބުނީ، "ޖުޑިޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް" އަށް ސަރުކާރުން ހުށަހެޅި ކަރުދާހުގައި ހިމަނައިގެން ހުށަހެޅި މުހިއްމު ކަންތައްތަކުގެ ތެރޭގައި އަނިބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ޝަރުއީ ހަމަތަކުގެ މަތިން ދޭންޖެހޭ ހަރަދުގެ މިންވަރު ބޮޑުކުރުމަށް ހުށަހަޅާފައިވާނެއެވެ.
މީގެ އިތުރުން ޝަރީއަތުން ނަގައިދެވޭ ހަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައި ހަރަދު ލެއްވުމާއި ހަރަދު ތަންފީޒު ކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރުމަށް ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ވާނީ ހުށަހަޅައިފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ސިމްޕޯޒިޔަމަށް ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އަނެއް ކަމަކީ ވަރި، ޙަޟާނަތު، ހަރަދާ ގުޅޭ މައްސަލަތައް އެއް ދައުވާ ފޯމާއެކު ހުށަހަޅައި، އެއް މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުގައި ހަމަޖެއްސުމެވެ.
އޭޖީ އޮފީހުން ބުނީ އެއް ބާވަތުގެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ހަރަދު ހަމަޖައްސައި ދިނުމުގެ މައްސަލަ ދިގުލައި، އެކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ހައްގަށް އުނިކަން އަންނަފަދަ ހާލަތްތައް މެދުވެރިވާ ކަމަށެވެ.
އެހެންކަމުން ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުއްޖާގެ ޙަޟާނަތު ހަވާލު ކުރެވިފައިވާ ފަރާތުގެ ކިބައިން ޙަޟާނަތު ނިގުޅައިގެންފި ކަމަށް ބުނެ ހުށަހެޅޭ މައްސަލަތަކަށް އަވަސް މުއްދަތެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅުން ހިމެނެއެވެ.
އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކައިވެނިކޮށްދިނުމާއި ކައިވެނި ރަޖިސްޓަރީކުރުމަށް، ކައިވެނީގެ ރަޖިސްޓްރާގެ އޮފީހުގެ ނަމުގައި އިދާރާއެއް އުފައްދަން ވެސް އޭޖީން ވަނީ ހުށަހަޅައިފައެވެ.
އޭޖީ އޮފީހުން ބުނީ ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް މެދުވެރިކޮށް، ޝަރުއީ މައުޛޫނުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި މައުޛޫނުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން ހިމެނުމަށް ހުށަހަޅާފައިވާނެކަމަށާއި، ކައިވެނީގެ ރަޖިސްޓްރާގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމެނުމުން، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނި ކުރުމުގެ ހިދުމަތް ފަސޭހައިން ލިބިގެންދާނެ ކަމަށެވެ.