އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ، ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރާނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަކަކީ ސިޔާސީ ބޭފުޅުންގެ "ދުވަސް ދުއްވާލުމަށް" ސަރުކާރުން، މަކަރުވެރި ރޭވުމެއްގެ ދަށުން ގެނައި އިސްލާހުތަކެއް ކަމަށެވެ.
އަދި އިދިކޮޅުގެ ވެރިކަމެއްގައި އެ އިސްލާހުތައް ބާތިލް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައެވެ. އެގޮތުން އެ ބިލް ފާސްކުރުމަށް 52 މެންބަރުން ވޯޓު ދެއްވިއެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށަހެޅުއްވި މި ބިލްގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
އެގޮތަށް ފުލުހުން ހައްޔަރުކުރާ މީހުން ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މިއީ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހެކެވެ. ބިލު މަޖިލީހަށް ހުށަހެޅިއިރު އޮތީ 48 އިރުގެ ތެރޭގައި ހައްޔަރުކުރާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެ ކަމަށެވެ.
ބިލުގައިވާ ގޮތުން، ފުލުހުން ހައްޔަރު ކުރާ މީހާއަށް، އޭނާގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މަޝްވަރާ ކުރުމުުގެ ފުރުސަތު ނުދީ ހަތް ދުވަސް ވަންދެން ހިފެހެއްޓޭނެއެވެ.
މި ބިލުގައި ޓެރަރިޒަމްގެ އަމަލުތައް ކަޑައަޅައި އެފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑަ އަޅައިފައެވެ.
އެގޮތުން ބިލުގައިވާ ބައެއް އަދަބުތަކުގެ ތެރޭގައިގައި، ހަނގުރާމައަށް މީހަކު ފޮނުވުމުގެ އިތުރުން، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތް ކުރުން، އަދި އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ކަނޑައަޅާފައިވެއެވެ.
ހަނގުރާމައަށް ދާ މީހެއްގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ހަނގުރާމަވެރި ސަރަހައްދަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އަދަދަކަށް ޖަލަށްލުން ކަމަށް ވެސް އެ ބިލްގައި ކަނޑައަޅާފައިވެއެވެ..
ބިލް އެންމެ ފުރަތަމަ ހުށަހެޅިއިރު، ހަނގުރާމަ އަށް ދާން އުޅުމާއި އެ ކުށް ކުރުމަށް އެހީތެރިވުމާއި އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާ ބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ ގަސްދުގައި އެ މައުލޫމާތު ހިއްސާނުކޮށް ސިއްރު ކުރުމަކީ ކުށެއް ކަމަށާއި އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ. ބިލުގައި ޓެރަރިޒަމްގެ އަމަލު ތަކަކީ ކޮބައިގެން ވަރަށް ތަފްސީލްކޮށް ވަނީ ބަޔާންކޮށްދީފަ އެވެ.