އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (އޭޕީޖީ)ގެ މަގާމަށް ޝަމްރާ ޝަމީމް މިއަދު ހަމަޖައްސައިފިއެވެ.
އެސިސްޓެންޓް ޕީޖީގެ މަގާމަށް ޝަމްރާ ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ފަޒްނާ އަހްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒްނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ.
އޭޕީޖީގެ މަގާމަށް މިއަދު ހަމަޖެއްސި ޝަމްރާއަކީ ޕީޖީ އޮފީހުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ގިނަ މައްސަލަތަކެއްގައި ދައުލަތުގެ ވަކީލާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ އެސިސްޓެންޓް ޕީޖީގެ މަގާމަށް ހަމަޖެއްސުމާއެކު، އެމަގާމަށް އައްޔަން ކުރި ކަމުގެ ލިޔުން ޕީޖީ އައިޝަތު ބިޝާމް ވަނީ މިއަދު އޭނާއާ ހަވާލު ކުރައްވައިފައެވެ.
އެސިސްޓެންޓް ޕީޖީގެ މަގާމުގައި މިހާރު ވެސް ދެ ބޭފުޅުން ތިއްބަވައެވެ. އެއީ ޖިހާދާ އަނީސާއި ހުސެއިން ނާޝިދެވެ.