ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ އަނދައިފިއެވެ.
މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ޓީޖެޓީ ސަރަހައްދުގެ ފަޅުގައި އޮތް ލޯންޗަކާއި ތިން ތެޔޮ ބައުޒަރެއްގައެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރުން ފޯމް އާއި ފަޔާ ލޯންޗު ބޭނުންކުރިއިރު، އެ ސަރަހައްދުގައި ހުރި ތެޔޮ ބައުޒަރުތަކާއި ވެހިކަލްތައް ދުރަށް ޖެއްސުމުގައި އާންމުންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބުނެވެ.
ނަމަވެސް މި ހާދިސާގައި ތިން ބައުޒަރު އެއްކޮށް އަނދައި ބޭނުން ނުކުރެވޭވަރު ވެފައިވާއިރު، ލޯންޗް ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ދިޔަ ލޯންޗަކީ އއ. އަތޮޅަށް ފެރީ ދަތުރުތައް ބާއްވައި އެ އަތޮޅު އުކުޅަހަށް ނިސްބަތްވާ "ނެވި 3" ނަމަކަށް ކިޔާ ލޯންޗެކެވެ.
މި ހާދިސާގައި ހަތް މީހަކު ފިހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ފިހުނު މީހުންގެ ތެރޭގައި އެ ލޯންޗުގެ ހަތަރު ފަޅުވެރިން ހިމެނެއެވެ. ހަތަރު ފަޅުވެރީންނަކީ ވެސް އުކުޅަހަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފިހިގެން އެ ހޮސްޕިޓަލަށް ގެނައި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އަދި ފިހުނު މީހުންގެ ތެރެއިން އެކަކު މިހާރު އައިސީޔޫއަށް ބަދަލުކޮށް، ފަރުވާ ދެމުންދާއިރު ބާކީ ތިބި މީހުންނަށް ފަރުވާ ދެމުންދަނީ މެޑިކަލް ވޯޑުގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
''އެޑްމިޓްކޮށްގެން ފަރުވާ ދެމުން މިދަނީ ހަތް މީހަކަށް. އޭގެ ތެރެއިން އެކަކު ދެންމެ އައިސީޔޫއަށް ބަދަލުކޮށްފި. އޭނާ އައިސީޔޫއަށް ބަދަލުކުރީ ހާލު ގޯސްވެގެންނެއް ނޫން، އިތުރަށް ހާލު ސީރިއަސް ވެދާނެ ކަމަށް ޑޮކްޓަރުންނަށް ލަފާ ކުރެވޭތީ. އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން.'' މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މިއަދު އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޓީޖެޓީ ސަރަހައްދަށް ވަޑައިގެންފައެވެ. އަދި އައިޖީއެމްއެޗްއަށް ވަޑައިގެން އެ ހާދިސާގައި ފިހުނު މީހުންގެ ހާލުވެސް އެމަނިކުފާނު ބެއްލެވިއެވެ.
މީގެ އިތުރުން އެ ސަރަހައްދަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަޑައިގެން، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވަނީ އޮޅުން ފިލުއްވައިފައެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
މާލޭގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތް މީހަކު ފިހުނުއިރު، މިމަހުގެ 20 ވަނަ ދުވަހުގެރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަނދާ ހުލިވެ، އަލިފާނުގެ ސަބަބުން ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ހާދިސާގައި 46 އަހަރުގެ އަންހެނަކު ވެސް ވަނީ ނިޔާވެފައެވެ.
ނަމަވެސް ހާދިސާ ހިނގައިގެން 10 ދުވަސް ވެގެންދިޔައިރު ވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.