ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓް ކޮށްފައިވާ އެ އުސޫލުތަކުގައި ދައުލަތުގެ ނަމުގައި ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި ފިނޭންސް މިނިސްޓްރީން ބަލައި މިންގަނޑުތަކާއި ލޯނަށާއި އޮންލެންޑް ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ހިމަނާފައިވެއެވެ.
މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ހަމަހަމަކަމާއި ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި އުސޫލުގެ ދަށުން ލޯނު ދޫކުރެވޭނީ ދައުލަތުގެ ބޭނުންތަކަށް އެކަންޏެވެ. ދައުލަތުގެ ބޭނުންތައް ކަމަށް ބަލާނީ މުޅި މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބޮޑުބަޔަކަށް އެ ކަމުން ލިބޭނެ މަންފާއެއް އޮންނަ ކަންކަމަށެވެ.
އެގޮތުން އެ ކަމަކީ ސަރުކާރަކަށް ވީތީ، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވުމާއި އެ ކަމެއް ކުރުމުގެ މައިގަނޑު އެއް ސަބަބަކީ، ވަކިފަރުދެއްގެ މަސްލަހަތު ހިމާޔަތްކޮށްދިނުން ކަމުގައި ބެލޭ ކަމެއް ކަމުގައި ނުވުމާއި އާންމު ސިއްހަތާއި އާންމު ރައްކާތެރިކަމާއި އާންމު މަސްލަހަތާއި އަމަންއަމާންކަމާއި ގައުމުގެ ކުރިއެރުމާއި ގައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާ ކަމަކަށް ވުން ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ގައުމީ ޖަމްއިއްޔާއެއް ކަމަށް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކަށް ލޯނު ދޫކުރެވޭނީ މި އުސޫލުގެ ދަށުންނެވެ. ނަމަވެސް މިއުސޫލުގައި އެހެން އޮތްކަމުގައި ވިޔަސް، އެހެން ގާނޫނެއްގެ ދަށުން ދައުލަތުން ލޯނެއް ދޫކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށް ވެސް ބުނެފައިވެއެވެ.
މިއުސޫލުގެ ދަށުން ވަކިވަކި ލޯނު ދޫކުރެވޭނެ މިންވަރު ކަނޑައެޅުމުގެ ކުރިން ގިނަ ކަންތައްތަކަށް ބަލާނެއެވެ. އޭގެތެރޭގައި ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ސަރުކާރުގެ ހިއްސާ ނުވަތަ މަސްލަހަތު އޮތް މިންވަރަށާއި ކްރެޑިޓް ރިސްކާއި ލޯނު ނަގައިގެން ހިންގުމަށް ކަނޑައަޅާ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ގައުމުގެ އިގުތިސޯދީ ހާލަތަށާއި ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރަށާއި ލޯނު ދޫކުރުމުން މާލިއްޔަތަށް ކުރާނެ އަސަރަށް ބެލޭނެއެވެ. އަދި ލޯނު ދިނުމަށް ސަރުކާރަށް ކުރިމަތިވާ ހީރާސްތައް ބެލުމަށްފަހު، ލޯނަށް ސެކިއުރިޓީއެއް ހުށަހެޅުމަށް ޝަރުތު ކުރެވިދާނެ ކަމަށް އުސޫލުގައިވެއެވެ.
ލޯނުގެ ސެކިއުރިޓީގެ ގޮތުގައި އެއްވެސް އެއްޗެއް ބަހައްޓާނަމަ، އެ ސެކިއުރިޓީއެއްގެ ފުރިހަމަ މައުލޫމާތާއި، އަގާއި، މިލްކުވެރި ފަރާތާއި، ލޯނު ނުދެއްކިގެން ސެކިއުރިޓީ ދައުލަތަށް ނަގަންޖެހިއްޖެ ހާލަތެއްގައި ދައުލަތަށް ހުރި ރިސްކުގެ އެސެސްމަންޓްގެ ރިޕޯޓެއް ހުށަހަޅަންޖެހެއެވެ.
މީގެއިތުރުން ދައުލަތުން ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ނަގާ ފައިސާ އޮންލެންޑް ކޮށްދެވޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީޒް ތަކާއި ގާނޫނެއްގެ ދަށުން އުފައްދާފައިވާ ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތަށް އެހީދޭ ފަރާތުން ނުވަތަ ލޯނުދޫކުރާ ފަރާތުން އޮންލެންޑް ކުރުމަށް ޝަރުތުކުރާ ފަރާތްތަކަށެވެ.
އަދި މި އުސޫލުގެ ދަށުން އޮންލެންޑް ކުރެވޭނީ ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ހިންގޭ މަޝްރޫއުތަކާއި ސަރުކާރުން މަޝްރޫއު ހިންގުމަށް ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ނަގާ ފައިސާ،
އެ ފައިސާއާ ގުޅިގެން ފައިސާ ދޫކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި އެ ފައިސާ އޮންލެންޑް ކުރުމަށް ޝަރުތު ކޮށްފައިވާ މަޝްރޫއުތައް ހިންގުމަށެވެ.
މި އުސޫލުގެ ދަށުން ލޯނު ދޫކުރެވޭނީ، އެ ލޯނެއް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވުމުން ކަމަށް ވެސް އސޫލުގައިވެއެވެ. އަދި ލޯނުގެ އިންޓްރެސްޓް ރޭޓް ކަނޑައަޅާނީ މިނިސްޓްރީންނެވެ.
މި އުސޫލުގެ ދަށުން ލޯނު ނެގުމަށް ބޭނުންވާ ފަރާތްތަކުން ލޯނަށް އެދި ހުށަހަޅާނީ ލޯނު އެޕްލިކޭޝަން ފޯމު މެދުވެރިކޮށް، ފިނޭންސް މިނިސްޓަރަށެވެ. ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް ލިބޭނެއެވެ.