ޚަބަރު

އިންޑިއާގެ އާމީ ޗީފް، މިނިސްޓަރު މާރިޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާ ސިފައިންގެ އެންމެ މަތީ ވެރިޔާ، އާމީ ޗީފް، ޖެނެރަލް ބިޕިން ރަވާތު، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދިފާއީ ރޮނގުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، މި ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ކާނަލް އަބްދުލް މަތީން އަހްމަދުގެ އިތުރުން ދެ ގައުމުގެ ޑިފެންސް އެޓާޗޭއިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.