އަބްދުﷲ ރިފާއު (ބޮޗޭ)

މިނިސްޓަރު އާސިމް މަސައްކަތުން އެއްކިބާވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރު ރިފާއު ގޮވާލައްވައިފި

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މަސައްކަތުން އެއްކިބާވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު ގޮވާލައްވައިފިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު ރިފާއު މިހެން ވިދާޅުވީ އާސިމް މަސައްކަތުން ދުރަށްޖެހިވަޑައިގަތުމަށް ނޫނީ އިސްތިއުފާދެއްވުމަށް ގޮވާލައި އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ކޮންމެހެން އިސްތިއުފާދޭކަން ނޫން. އެކަހަލަ ތުހުމަތެއް ސީދާ ވެރިޔާގެ މައްޗަށް ކުރެވޭއިރު އޭނާ މަސައްކަތުން އެއްކިބާވާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާސިމް މިނިސްޓްރީގެ މަސައްކަތުގައި ހުރެއްޖެނަމަ މިހާރު ބަލަމުން އަންނަ އެ މައްސަލައަށް ނުފޫޒު ވަންނާނެ ކަމަށެވެ.

"މިއޮއް ހުރިހާ ދުވަހު އެ މުވައްޒަފުން އެ ވާހަކަ ނުދައްކާ ހުރީ ކީއްވެތޯ ބަލަން އެބަޖެހޭ. އެއީ މިނިސްޓަރު ކަމުގައި އާސިމް ހުންނެވީމަ ކަމަށް ވެދާނެ،" ރިފާއު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ އިސްވެރިއެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ޑރ. އާސިމްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވޭތީ އޭނާ މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ގޮވާލައްވައިފައެވެ.