އއ.މަތިވެރީގައި "ލޯކަލް ގެސްޓް ހައުސް" ގެ ގޮތުގައި އިމާރާތް ކޮށްގެން ކުރިއަށްގެންދާ "ކާސާ މިއާ" ގެ ދެ ބިން ރިޗް ކުލަބް މޯލްޑިވްސްއަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދަޅުވީ ކުރިން އެ ދެ ބިން ކުއްޔަށް ދީފައިވާ ފަރާތުގެ އިއުލާނު ބާތިލުކޮށް، އެ ދެ ބިން 50 އަހަރު ދުވަހުގެ މުއްދަތަށް ރިޗް ކުލަބަށް ކުއްޔަށް ދިނުމަށް އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ދިހަ އަހަރުގެ މުއްދަތަށް މި ދެ ބިމުގައި ގެސްޓް ހައުސް ހިންގުމަށް ކުއްޔަށް ދީފައިވަނީ ހ.މާކޮށާރުގެ އަބްދުއްރައްޒާގު އަލީ އަށެވެ. އެގޮތުން އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާއެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ހަތަރު ތަރީގެ ގެސްޓް ހައުސްއެއް އޭރު ހިންގަމުން ދިޔައީވެސް އަބްދުއްރައްޒާގެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނީ ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނުނޫގެ 17 ވަނަ މާއްދާއާއި ދިވެހި ރާއްޖޭގައި ގެސްޓް ހައުސް ހިންގުމާ ބެހޭ ގާނުނޫގެ ދެވަނަ މާއްދާއާ ހިލާފަށް އެ ދެ ބިމުގައި "ކާސާ މިއާ" ހިންގަމުން ދިއުމުގެ ސަބަބުން އަބްދުއްރައްޒާގާއެކު ވެފައިވާ އެއްބަސްވުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބާތިލުކޮށްފައި ކަމަށާއި މިހާރު އެ ދެ ބިން ރިޗް ކުލަބާ ހަވާލުކޮށްފައިވާ ކަމަށެވެ.
ހ.މާކޮށާރުގެ އަބްދުއްރައްޒާގާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން މަތިވެރި ގެސްޓް ހައުސްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި އެކަމާ ހިންހަމަ ނުޖެހިގެން މަތިވެރި ކައުންސިލުން ހަރުކަށި ބަޔާންތައް ނެރިފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އަދި މިކަން ހިނގައިދިޔަ ގޮތުގެ ހަގީގަތް އޮޅުވާލައި އެކަން ކޮށްފައިވަނީ ގާނޫނުގެ ތެރެއިން ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާ ކަމަށްވެސް ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އއ. މަތިވެރިން ކުއްޔަށް ދޫކޮށްފައިވާ ދެ ބިމާ ބެހޭގޮތުން މިނިސްޓްރީގެ ލީގަލް ޓީމުން އެކުލަވާލި ބަޔާން:
- އއ. މަތިވެރީގެ ދެބިމެއް ހ. މާކޮށާރުގޭ އަބްދުއްރައްޒާގު އަލީއަށް 10 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެ ކޮންޓްރެކްޓުގައި ސޮއިކުރި. އަދި މި ދެ ބިމަކީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ތަރައްގީކުރާ ބިންތަކެއްކަމުގައި ކަނޑައެޅީ 2017 ޖުލައި 10 ވަނަ ދުވަހު.
-
- 2017 ނޮވެމްބަރު ފަސްވަނަ ދުވަހު މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާ/ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ އުސޫލާ އެއްގޮތަށް އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓް އެކުލަވާލުން.
- އެ ދެ ބިން ކުއްޔަށް ދިނުމަށް ކައުންސިލާއި އަބްދުއްރައްޒާގާއެކު ވެފައިވާ އެއްބަސްވުންތަކެއް މަތިވެރި ކައުންސިލްގެ ގަރާރަކުން ބާތިލް ކުރި. އެކަން ކައުންސިލުން މިނިސްޓްރީއަށް އެންގީ 2017 ނޮވެމްބަރު 29 ގައި
- މީރާ އިން ކުރި އޮޑިޓަކުން އަބްދުއްރައްޒާގަށް މަތިވެރިން ކުއްޔަށް ދިން ބިމުގައި ކާސާ މިއާ މޯލްޑިވްސްގެ ނަމުގައި ގެސްޓްހައުސްއެއް ހިންގަމުންދާކަން ފާހަގަވެގެން. ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނުނޫގެ 17 ވަނަ މާއްދާއާއި ދިވެހިރާއްޖޭގައި ގެސްޓް ހައުސް ހިންގުމާ ބެހޭ ގާނުނޫގެ ދެވަނަ މާއްދާއާ ހިލާފުވެގެން.
- އެ މައްސަލައިގައި މިނިސްޓްރީން ވަނީ ފުލުހުންގެ ޓީމަކާއެކު މަތިވެރިއަށް ގޮސް ގެސްޓް ހައުސް އިންސްޕެކްޓްކޮށް 2018 ސެޕްޓެމްބަރު 25ގެ ނިޔަލަށް މިނިސްޓްރީން ވަނީ ގެސްޓްހައުސް ބަންދުކޮށް އެ މުއްދަތާ ހަމައަށް ގެސްޓްހައުސް މިނިސްޓްރީ އާ ހަވާލު ކުރުމަށް އެންގުނު.
- އަބްދުއްރައްޒާގަށް ބިން ކުއްޔަށް ދިން އެއްބަސްވުން ބާތިލް ކަމަށް ކަނޑައަޅައި މަތިވެރި ކައުންސިލުން އަބްދުއްރައްޒާގަށް ފޮނުވި ނޯޓިސްއަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފު ނޯޓިހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އަބްދުއްރައްޒާގު ވަނީ މަތިވެރި ކޯޓަށް މައްސަލައެއް ހުށަހަޅާފައި. އެ މައްސަލަ ހުށަހެޅުމުން ކޯޓުން ކަނޑައެޅީ މަތިވެރި ކައުންސިލްގެ ގަރާރު ބާތިލް ކަމަށް.
- އެއީ 2018 ނޮވެމްބަރު އެއްވަނަ ދުވަހު، މަތިވެރީގައި ހިންގާ ލޯކަލް ގެސްޓްހައުސް، ކާސާ މިއާގެ ދެ ބިން ޓޫރިޒަމް މިނިސްޓްރީއަށް ނަގައި، އެ ދެ ބިން ރިޗް ކްލަބް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްދިނުމަށް ރިޗް ކްލަބް މޯލްޑިވްސް އިން އެދުނު.
- މަތިވެރިން އަބްދުއްރައްޒާގަށް ދޫކޮށްފައިވާ ދެ ބިން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓަލާއި ގެސްޓުހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ ބެހޭ އުސޫލާ އެއްގޮތަށް ބަދަލުކޮށް، ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސްއާ ދެމެދު ސޮއިކުރުމަށް އެމެންޑްމެންޑް އެންޑް ރީސްޓޭޓެޑް ޑްރާފްޓެއް އެކުލަވާލައި، އެ ޑްރާފްޓަށް ލަފާ ހޯފުމަށް އޭޖީއަށް ފޮނުވުނު.
- މަތިވެރި ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެކަމަށް ރިއާޔަތް ކުރުމަށް އޭޖީ އިން ލަފާ ދީ، އެއްބަސްވުންތަކަކީ އަބްދުއްރައްޒާގާއި މިނިސްޓްރީއާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކެއް ކަމަށް ހަދައި، ކަމާ ބެހޭ މާއްދާތައް އިސްލާހު ކުރުމަށް ވެސް އޭޖީ އިން ލަފާ ދިން.
- މަތިވެރީގެ ދެ ބިމާ ގުޅިގެން ހައިކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެކަމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގާފައިވަނިކޮށް ހައުކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފޯމު ބާތިލްކޮށްދިނުމަށް މިއަހަރުގެ މިދިޔަ މަހުގެ 6ގައި މަތިވެރި ކައުންސިލުން އެދުނު.
- މިދިޔަ މަހު 20 ވަނަ ދުވަހު އެ ފޯމު ބާތިލްކުރިކަން ހައިކޯޓުން މަތިވެރި ކައުންސިލަށް އެންގި އަދި އޮގަސްޓް ތިންވަނަ ދުވަހު މަތިވެރި ކައުންސިލާއި އަބްދުއްރައްޒާގާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު.
- އޭގެފަހުން އެ ބިމުގައި އަބްދުއްރައްޒާގު ކޮށްފައިވާ އިންވެސްޓްމަންޓް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްދިނުމަށް އޮގަސްޓް 3ގައި ސިޓީ ފޮނުވުމުން މަތިވެރި ކައުންސިލާއި ރިޗް ކްލަބް މޯލްޑިވްސްއާ ދެމެދު މަތިވެރީގެ ދެބިން ކުއްޔަށް ދިނުމަށް އެއްބަސްވި.
- މި ދެބިން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާ/ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ އުސޫލާ އެއްގޮތަށް ބަދަލުކޮށް ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސްއާ ދެމެދު ސޮއިކޮށް އެމެންޑެޑް އެންޑް ރީ ސްޓޭޓަޑްގެ ޑްރާފްޓެއް އޭޖީ އޮފީހަށް ފޮނުވުމުން އެ އެގްރީމެންޓުގައި ސޮއިކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް އޭޖީ އިން ލަފާދިން.
- މި ބިން ރިޗް ކްލަބަށް ކުއްޔަށް ދިނީ 50 އަހަރަށް، އެއީ ކައުންސިލް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ގެސްޓުހައުސް ތަރައްގީކުރުމަށް ބިން ކުއްޔަށްދޭ މުއްދަތު ބަޔާންކުރާ އުސޫލުގެ ދެވަނަ މާއްދާގެ (ރ)ގެ ދަށުން އެ ބިމުގައި ދިހަ މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކޮށްފައިވާކަން މިނިވަން އިވެލުއޭޝަނަކުން އެނގުނު.
- ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސްއާ ދެމެދު ކައުންސިލް އުސޫލާ އެއްގޮތަށް އިއްޔެ ސޮއިކުރެވުނު.