ހުރިހާ ކުޅިވަރަކުންވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ކުޅިވަރު އެސޯސިއޭޝަންތަކާއެކު ވާހަކަ ދައްކަވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކެނެޑާގެ މެރެތަން ޖޮގްލަރ މިކަލް ކެޕްރަލް ބައިވެރިވާ ހަރަކާތްކާ ގުޅޭ މައުލޫމާތު ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެއަށް ސްޕޯޓްސް ޓުއަރިޒަމް ތައާރަފު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ސްޕޯޓްސް ޓުއަރިޒަމް ތައާރަފު ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން އިއްޔެ ރިސޯޓެއްގައި ނިމިގެންދިޔަ ޕްރެޒިޑެންޓްސް އިންވިޓޭޝަަނަލް ބީޗް ވޮލީ މުބާރާތަކީ ކާމިޔާބު މުބާރާތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ކޮންމެ އަހަރަކުހެން ކަހަލަ ގޮތަކަށް ހުރިހާ ކުޅިވަރަކުންވެސް ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވަން ހުރިހާ އެސޯސިއޭޝަންތަކާ ވާނީ ވާހަކަ ދައްކާފައި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މޯލްޑިވްސް މެރަތަން ބޭއްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، ރާއްޖެއަކީ މެރެތަން ދުވެލަން އަންނަން ކަމުދާ ތަނެއްގެ ގޮތުގައި މީހުން ދެކޭ މަންޒިލަކަށް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމަށް ޔޫތު މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.