ޚަބަރު

ކޮންފަރެންސް ފިޔަވައި ޓޫރިޒަމް ދުވަހުގެ އެއްވެސް ކަމަކަށް ދައުލަތުގެ ފައިސާ ހަރަދެއް ނުކުރަން: މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

ޓޫރިޒަމް ކޮންފަރެންސް ފިޔަވައި، ޓޫރިޒަމް ދުވަހާ ގުޅިގެން ހިންގާ ހަރަކާތް، "ޓޫރިޒަމް އީދު" ގައި ދައުލަތުގެ އެއްވެސް ފައިސާއެއް ހަރަދު ކޮށްފައި ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިން ސަރުކާރުތަކުގައި ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް އެންމެ ރެޔަކަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް މިއީ މިކަން ކުރަންވީ ގޮތް ނޫން ކަމުގައެވެ.

އެގޮތުން މިފަހަރުގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ޓެކްސް ޕޭޔާސް ނުވަތަ ދައުލަތުގެ ފައިސާއިން ނޫން ކަމަށާއި އެއީ ޓޫރިޒަމް އިންޑަސްޓްރީން ހޯދާފައިވާ ފަންޑުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އޭގެ ތަފާސް ހިސާބު ހާމަކުރައްވާނެކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުރިހާ ފައިސާއެއް ވަދެފައި ހުންނާނީ މީރާ މެދުވެރިކޮށް ފިނޭންސްގެ އެކައުންޓަށް ކަމަށާއި އެއްވެސް ކޭޝްއެއް ޓޫރިޒަމް މިނިސްޓްރީން ބަލައިގެންފައި ނުވާނެ ކަމަށެވެ.

"ސަރުކާރުން މި ހަރަދު ކުރަނީ ހަމައެކަނި ޓޫރިޒަމް ކޮންފަރެންސްއަށް،" މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީން ވަނީ އެކި ހަރަކާތްތައް ރާވައިފައެވެ. އެގޮތުން ރ. އަނގޮޅިތީމުގައި ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިޒިޓިންގ ސެންޓަރުގެ ބިންގާ ވެސް ޓޫރިޒަމް ދުވަހާ ގުޅިގެން މިއަދު އެޅުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ފްރީ ޑައިވިންގެ ދުނިޔޭގެ ރެކޯޑް ހެދުމާއި ޖޮބް ފެއާ ފަދަ މުހިންމު ހަރަކާތްތައް ޓޫރިޒަމް މިނިސްޓްރީިން ވަނީ ކުރިއަށް ގެންގޮސްފައެވެ.